މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން 89 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ހާއްސަކޮށް ދޫކުރަން ފެށި ލޯނުތަކެކެވެ. މަސްވެރިންނަކީ ދައުލަތް ދަންނަ، އަދި ބޭންކިން ނިޒާމުގެ ތެރެއިން އެހެން ވަޒީފާތަކެކޭ އެއްފަދައިން ހިދުމަތްތައް ފަސޭހައިން ލިބޭނެ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބީއެމްއެލްގެ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ގެދޮރު ގަތުމާއި، އިމާރާތްކުރުމާއި، މަތީ ތައުލީމަށް ކިޔެވުމުގެ އިތުރުން އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުން ފަދަ ކަންކަމަށް ފައިނޭންސިންއަށް އެދެވެއެވެ. މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރި ފަދަ އިންވެސްޓްމަންޓްތަކަށް ވެސް ފުރުސަތު އޮވެއެވެ.
މި އިންތިޒާމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އަމިއްލަ ހަރަދެއް (އިކުއިޓީ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބިގެންދެއެވެ. ބޭންކުން ވަނީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ވެސް ހަމަޖައްސައިދީފައެވެ.
ސަރުކާރުން ބުނީ މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންނަކީ މުޖުތަމައުގައި ގަދަރުވެރި، އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުން ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މި ދާއިރާ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.
