އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މެދުކަނޑާލާފައިވާ އިއްތިހާދު އެއާވޭސްގެ ދަތުރުތައް، ރާއްޖެ ހިމެނޭހެން ދުނިޔޭގެ މުހިންމު މަންޒިލްތަކަކަށް އަލުން ފެށުމަށް އެ އެއާލައިނުން ނިންމައިފިއެވެ.
އިއްތިހާދުން ބުނި ގޮތުގައި މި ދަތުރުތައް މި މަހުގެ 6 އިން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ފުރިހަމައަށް ކަށަވަރުކުރުމަށްފަހުގައެވެ.
އަލުން ފަށާ ދަތުރުތަކުގެ ތެރޭގައި އަބޫދާބީ އާއި ދުނިޔޭގެ މުހިންމު 25 މަންޒިލެއް ހިމެނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ލަންޑަން، ނިއުޔޯކް، ޕެރިސް، ކޮލަމްބޯ، އަދި ބެންކޮކް ފަދަ ސިޓީތައް ހިމެނެއެވެ. އެއާލައިނުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ހަނގުރާމައިގެ ސަބަބުން ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން، ދަތުރު ނުކުރެވި ތާށިވެފައި ތިބި ފަރާތްތަކަށް ޖާގަ ހަމަޖައްސައިދިނުމަށެވެ.
މީގެ އިތުރުން، ޓިކެޓް ނަގާފައިވާ ފަރާތްތަކަށް އިއްތިހާދުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ފެބުރުވަރީ 28 ގެ ކުރިން ޓިކެޓް ނަގާފައިވާ އަދި މާޗު 21 އާ ހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް، އެއްވެސް އިތުރު ފީއަކާ ނުލައި މެއި 15، 2026 ގެ ކުރިން ދަތުރުގެ ތާރީޚު ބަދަލުކުރެވޭނެއެވެ. އަދި ދަތުރު ކެންސަލްކޮށް ރީފަންޑަށް އެދެން ބޭނުންވާ ފަރާތްތަކަށް އޮންލައިން ފޯމު މެދުވެރިކޮށް ނުވަތަ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
ކޯލް ސެންޓަރުތަކަށް ބާރުބޮޑުވެފައިވާތީ، ހިދުމަތް ހޯދާ ފަރާތްތަކުން ވީހާވެސް ބޮޑަކަށް އޮންލައިން ވަސީލަތްތައް ބޭނުންކުރުމަށް އެ އެއާލައިނުން އިލްތިމާސްކުރެއެވެ.
