އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިންގ ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެކަކުގެ ފައި ފިހިގެން ފަރުވާ ހޯދައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:30 އެހާއިރުއެވެ. ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި މީހުން ވަނީ، ދޯނި ކައިރިކޮށްފައި އޮތް ސަފާރީއަކަށް އަރައި ސަލާމަތްވެފައެވެ. ނަމަވެސް، މި ހާދިސާގައި އެކަކުގެ ފައި ފިހިގެން އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފައެވެ. ފަރުވާއަށްފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.
ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު ހަވީރު 15:30 އެހާއިރު އެ ދޯނި ވަނީ އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި ދޯނި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ.
