ބުޅާތަކެއް މަރާލުމުން އިނގިރޭސިވިލާތުގެ ރައްޔިތަކު ޖަލަށްލައިފިއެވެ. އުމުރުން 54 އަހަރުގެ ސްޓީވް ބޯކުއެޓް ނަމަކަށް ކިޔާ މި ފިރިހެން މީހާއަކީ އޭނާ ދިރިއުޅޭ އަވަށުގެ ފިހާރައެއްގެ ސެކުއިރިޓީ އޮފިސަރެކެވެ.
ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ ނުވަ ބުޅާ މަރާލާފައެވެ. އޭނާ އެކަން ކޮށްފައި ވަނީ ވަޅިއެއް ބޭނުންކޮށްގެން ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެތައް ދުވަހެއްގެ މަތިން އޭނާ ހިންގި މި ޖަރީމާގައި އެ އަވަށުގެ ގިނަ ބަޔަކަށް ވަނީ ގެއްލުން ލިބިފައެވެ. އޭނާ މަރާލައިފައިވަނީ އެ އަވަށުގެ މީހުން އޮޅުކޮށްގެން ގޭގައި ގެންގުޅޭ ބުޅާތަކެވެ. އޭނާ ބުޅާތައް މަރާލަން ޖެހުނު ސަބަބެއް އަދި ސާފެއް ނުވެއެވެ.
އެގައުމުގެ ރިޕޯޓުތައް ބުނާ ގޮތުން ސްޓީވްގެ މައްޗަށް ވަނީ ސޯޅަ ދައުވާއެއް އުފުލާފައެވެ. އެއީ ބުޅާ މަރާލުމުގެ ނުވަ ދައުވާ އަކާ ބުޅާތަކަކަށް އެއްވެސް ހައްގަކާ ނުލާ އަނިޔާ ކުރިކަމުގެ ހަތް ދައުވާގެ އިތުރުން ތޫނު ހަތިޔާރުބޭނުން ކޮށްގެން އެއްވެސް ފަރާތަކަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުމެއް ދިނުމުގެ ދައުވާއެވެ.
ކޯޓުގައި ސްޓީވްގެ ޝަރީއަތް ހިނގި އިރު އެ އަވަށުގެ ތިން މީހަކު ވަނީ އޭނާއާއި ދެކޮޅަށް ކޯޓުގައި ހެކިބަސް ދީފައެވެ. އަދި ކޯޓުގައި ވަނީ 2 ސީސީޓީވީ ފުޓޭޖެއްވެސް އާންމުކޮށްފައެވެ. މި ވީޑިއޯގައި ފެންނަ މީހަކީ ސްޓީވް ކަމަށް ހުދު އޭނާވެސް ވަނީ ކޯޓުގައި އެއްބަސްވެފައެވެ.
މި އަނިޔާވެރި އަމަލުގެ ސަބަބުން ގެއްލުންވި މީހުން އޭނާގެ ކިބައިން ބަދަލު ހޯދުމަށް މިހާރުވަނީ އަނެއްކާ އެހެން މައްސަލައެއްވެސް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ވަނީ އޭނާއަށް މާފުވެސް ކޮށްފައެވެ.
