ޓެކްނޮލޮޖީގެ ދާއިރާއިން އަންނަ ކުރިއެރުންތަކާއެކު، ސިއްހީ ދާއިރާއަށް ވަނީ އިންގިލާބީ ބަދަލުތަކެއް އަންނަން ފަށާފައެވެ. މިގޮތުން ޖަޕާނުގެ ކޯބޭ ޔުނިވަރސިޓީގެ ދިރާސާވެރިން މިވަނީ އާދައިގެ އަތުގެ ފޮޓޯއަކުން ނުރައްކާތެރި ބައްޔެއް ދެނެގަނެވޭނެ އޭ.އައި ނިޒާމެއް ތައާރަފުކޮށްފައެވެ.

ކޯބޭ ޔުނިވަރސިޓީގެ ތަޖުރިބާކާރުން އުފައްދާފައިވާ މި ސިސްޓަމަކީ "އެކްރޯމެގަލީ" ކިޔާ ހޯރމޯންގެ މައްސަލައެއް ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ. މި ބައްޔަކީ ހަށިގަނޑުގައި ގްރޯތް ހޯރމޯން އިތުރުވުމުގެ ސަބަބުން ޖެހޭ ވަރަށް މަދު ބައްޔެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކާއި ކަށިތަކަށް ބަދަލު އާދެއެވެ.

މި ބަލީގެ އެންމެ ނުރައްކާތެރި އެއް ކަމަކީ ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވަރަށް ލަހުން ކަމަށް ވުމެވެ. ބައެއް ހާލަތްތަކުގައި ބަލި ހުރިކަން ދެނެގަތުމަށް ގިނަ އަހަރުތަކެއް ނަގައެވެ. އެކްރޯމެގަލީއަށް އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، އިންސާނާގެ އުމުރު ކުރުވުމާއި ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.

މި އައު އޭ.އައި ސިސްޓަމް ބޭނުންކޮށްގެން ބަލި ދެނެގަތުމަށް ބޭނުންވަނީ އެންމެ ދެ ފޮޓޯއެކެވެ. އެއީ އަތުގެ ފޮޓޯއަކާއި އަތް މުށްކަވާފައިވާ ފޮޓޯއެކެވެ. މި ސިސްޓަމުން އެ ފޮޓޯތައް ދިރާސާކޮށް، އަތުގެ ބައްޓަމަށް އައިސްފައިވާ ބަދަލުތަކުގެ އެހީގައި ބަލި ހުރިކަން ދެނެގަނެއެވެ.

މިފަދަ ލުއި ފަސޭހަ ގޮތަކަށް ނުރައްކާތެރި ބަލިތައް ދެނެގަނެވުމަކީ، ބަލީގެ ކުރީކޮޅު ފަރުވާ ފެށުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. މިއީ ސިއްހީ ދާއިރާގައި އޭ.އައި ބޭނުންކޮށްގެން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ކޯބޭ ޔުނިވަރސިޓީގެ މި ހޯދުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.