ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާ އާއި އިޒްރޭލުގެ ސިފައިންނަށް އޮޅުވާލުމަށްޓަކައި އީރާނުން ނަކަލީ ހަނގުރާމަ ސާމާނު ބޭނުންކުރަމުންދާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ. އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އީރާނުން ދަނީ ވައިޖަހައިގެން ފޮއްޕާފައި ހުންނަ "ބެލޫން" ބޭނުންކޮށްގެން ޓޭންކުތަކާއި، އަސްކަރީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުގެ އިތުރުން މިސައިލް ލޯންޗަރުތަކުގެ ނަކަލު ތައްޔާރުކޮށް ބިމުގައި އަތުރަމުންނެވެ.
މި ނަކަލީ ސާމާނުތައް ބޭނުންކުރުމުގެ މައިގަނޑު ބޭނުމަކީ ވައިގެ މަގުން ދޭ ހަމަލާތަކުގައި އަމާޒު އޮޅުވާލައި، އިދިކޮޅު ދިފާއީ ބާރުތަކަށް ކެހިދިނުމެވެ. މައުލޫމާތު ލިބޭ ގޮތުގައި އީރާނުން ވަނީ މިފަދަ ގިނަ އަދަދެއްގެ ނަކަލީ ސާމާނު އުފައްދާފައެވެ. ވައިގެ މަގުން ނަގާ ފޮޓޯތަކާއި ޖާސޫސީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ކެމެރާތަކަށް ބަލާއިރު، މި ތަކެއްޗަކީ އަސްލު ހަނގުރާމަވެރި އުޅަނދުތަކާއި ހަތިޔާރު ކަމަށް ހީވާ ފަދަ ގޮތަކަށް ވަނީ ފަރުމާކޮށްފައެވެ.
އީރާނުގެ ޑިފެންސް މިނިސްޓްރީގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މިފަދަ އުކުޅުތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ އަގުބޮޑު މިސައިލްތައް ބޭކާރު އަމާޒުތަކަށް ފޮނުވާލުމަށް މަގުފަހިވެއެވެ. މީގެ ކުރިން ވެސް ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގައި މިފަދަ ނަކަލީ ހަތިޔާރު ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އީރާނުން މިކަން ކުރަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށް އިންޓަނޭޝަނަލް މީޑިއާތަކުން ބުނެއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ އޮފީހުން ބުނީ، އީރާނުގެ މިފަދަ އަމަލުތަކަށް ސަމާލުވެ ތިބި ކަމަށާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަސްލު ހަތިޔާރާއި ނަކަލީ ހަތިޔާރު ވަކިކުރަން އެނގޭނެ ކަމަށެވެ. އެހެންނަމަވެސް، ހަނގުރާމައިގެ މައިދާނުގައި މިފަދަ ކަންކަމުގެ ސަބަބުން ނިންމުންތައް ނިންމުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އަސްކަރީ ތަހުލީލުކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
