ރޯދަ މަހުގެ 17 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއާކުރި މުދަލަކީ ބިސް ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލް އިން ބުނީ މާޗު 6 ވަނަ ދުވަހު އެކަނިވެސް 1،446 ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި 81 ކޮންސައިންމެންޓެއްގެ މުދާ ހިމެނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެ ދުވަހު އެކަނިވެސް 1،243 ބަސްތާ ބިސް ވަނީ ކްލިއާކޮށްފައެވެ. ބިހުގެ އިތުރުން ފިޔާ، އަލުވި، ކަރާ އަދި ދޮންކެޔޮ ފަދަ އަވަހަށް ހަލާކުވާ ޒާތުގެ ގިނަ އަދަދެއްގެ ކާބޯތަކެތި ވަނީ ބަނދަރުން ނެރެފައެވެ. އެގޮތުން 860 ބަސްތާ ފިޔާ އަދި 520 ބަސްތާ އަލުވި ކްލިއާކުރި މުދަލުގެ ތެރޭގައި ހިމެނެއެވެ.
ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވާތީ، ވިޔަފާރިވެރިންނަށް މުދާ އަވަހަށް ކްލިއާކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެމްޕީއެލް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އަވަހަށް ހަލާކުވާ ތަކެތި ބެހެއްޓުމަށް ބަނދަރުގައި 3،000 އަކަފޫޓުގެ ހިޔާކުރި ޝެޑެއް ވަނީ ތައްޔާރުކޮށްފައެވެ. މީގެ ބޭނުމަކީ ކޮންމެ އަހަރެއްގެވެސް ރޯދަ މަހު މުދާ ގިނަވެ، ކްލިއާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.
