ނިމިދިޔަ ފެބުރުވަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.80 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.8 ޕަސަންޓު ދަށް އަދަދެކެވެ. އަދި މިއީ މި އަހަރުގެ ފެބުރުވަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 11.6 ޕަސަންޓު މަދު އަދަދެއް ކަމަށްވެސް މީރާ އިން ބުންޏެވެ.
އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުމެވެ. މީގެ އިތުރުން ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާ ދިމާވުމުން، ބައެއް ސުންގަޑިތައް މާޗު މަހަށް އިތުރުކުރުމަކީވެސް އާމްދަނީ ދަށްވި ސަބަބެކެވެ. މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ ޖީ.އެސް.ޓީ އެވެ. އެއީ ޖުމްލަ އާމްދަނީގެ 52.3 ޕަސަންޓު ނުވަތަ 1.4 ބިލިއަން ރުފިޔާއެވެ.
މީރާއިން ބުނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 666 މިލިއަން ރުފިޔާ މިދިޔަ މަހު ހޯދާފައިވާ ކަމަށެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެންނާއި، ފޯނު ކޯލުތަކުގެ ޒަރިއްޔާއިން އަދި ބޭންކް އެކައުންޓްތައް ހިފަހައްޓައިގެން ހޯދި ފައިސާ ހިމެނެއެވެ. ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު އަދަދަކީ ޖުމްލަ އާމްދަނީގެ 16.9 ޕަސަންޓެވެ.
