އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއިންޓަނޭޝަނަލް އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މާލީ ގޮތުންނާއި ގާނޫނީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިނީ މި ސަރުކާރުންނެވެ. އެގޮތުން، ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސް، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ މަގު ފަހިކޮށްދީ، ކޮމިޓީތަކަށް ލިބޭ އެލަވެންސް 5 ޕަސަންޓުން 10 ޕަސަންޓަށް ބޮޑުކޮށްދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަކީ އަދި އަންހެނުން ބާރުވެރިކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތު،" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބާރުއެޅުމުގެ ގޮތުން އެކި ކަހަލަ ލޯނުތައް ދޫކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމަށް އެކަށައަޅާފައިވާ ހުރިހާ ސިޔާސަތުތަކެއް ސަރުކާރުން ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ހަގީގީ ބާރުވެރި ކޮމިޓީތަކަކަށް މި ސަރުކާރުން ހަދައިދީފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
