އީރާނުގެ ރޫޙާނީ މުރުޝިދު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެޤައުމުގެ އެންމެ މަތީ ވެރިއަކަށް ނުވަތަ ސުޕްރީމް ލީޑަރަކަށް އޭނާގެ ދެވަނަ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަނުކޮށްފި ކަމަށް އެޤައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޢުމުރުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީއަކީ މީގެ ކުރިން ދުވަހަކުވެސް އާންމު އިންތިޚާބެއްގައި ވާދަކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް، އޭނާއަކީ އެތައް އަހަރެއްގެ ވަންދެން އީރާނުގެ އެންމެ މަތީ ބާރުތަކުގެ ތެރޭގައި ނުފޫޒުގަދަ ދައުރެއް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ވަކިން ޚާއްޞަކޮށް، އީރާނުގެ އެންމެ ބާރުގަދަ އަސްކަރީ ފައުޖު ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (IRGC) އާ އޭނާއާ ދެމެދު ވަނީ ވަރަށް ބަދަހި ގުޅުމެއް އުފެދިފައެވެ.

މުޖުތަބާގެ ޒައާމަތާއެކު އީރާނުގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ބައްޕައަށްފަހު ދަރިފުޅު ވެރިކަމަށް އިސްވުމަކީ 1979 ގެ އިސްލާމީ އިންޤިލާބުގެ ކުރިން އީރާނުގައި އޮތް ފަދަ ޚާންދާނީ ވެރިކަމެއް އަލުން އިއާދަވުމެވެ. މީގެ ކުރިން މުޖުތަބާ ވަނީ ވެރިކަމަށް އިސްވުމާ ގުޅޭގޮތުން އާންމުކޮށް ވާހަކަދެއްކެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.