ސައުދީ އަރަބިއްޔާގެ ރިޔާޒުގެ ދެކުނުން އޮންނަ އަލް-ޚަރްޖް ގަވަރުނަރޭޓްގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް އަމާޒުވި އަސްކަރީ ހަމަލާއެއްގައި ދެ މީހަކު މަރުވެ، 12 މީހަކު ޒަޚަމްވެއްޖެއެވެ. މާޗު 8 ގައި ހިނގި މި ހާދިސާއަކީ ފަހަކަށް އައިސް ސަރަޙައްދީ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ސައުދީގެ އެތެރޭގައި އާންމުން މަރުވި ފުރަތަމަ ހާދިސާއެވެ.

ސައުދީ ސިވިލް ޑިފެންސް އިން ބުނި ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ ސައުދީގެ މެއިންޓެނަންސް އަދި ކްލީނިންގ ކުންފުންޏެއްގެ ބޭރުގެ މަސައްކަތްތެރިން ދިރިއުޅޭ ކޮމްޕައުންޑަކަށެވެ. މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާ ރައްޔިތަކާއި ބަންގްލަދޭޝް ރައްޔިތެކެވެ. އަދި ޒަޚަމްވި 12 މީހުންނަކީވެސް ބަންގްލަދޭޝްގެ މަސައްކަތްތެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާއަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން އެ ސަރަޙައްދުގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކެއްގެ ތެރެއިން އަމާޒުން ނެއްޓިގެން ދިޔަ ހަމަލާއެއް ކަމަށް ބެލެވެއެވެ. އަލް-ޚަރްޖް އަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް ކަމަށްވާ ޕްރިންސް ސުލްތާން އެއާބޭސް އޮންނަ ސަރަޙައްދެވެ.

ސައުދީ ސަރުކާރުން މި ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން ސީދާ ބުނެފައި ނުވި ނަމަވެސް، ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ މިއީ އީރާނާއި އިސްރާއީލް އަދި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އައި ހަމަލާއެއް ކަމަށް ރިޕޯޓުކޮށްފައެވެ. ސައުދީގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.