ކ. ހުރާގެ ފެނާއި ކަރަންޓުގެ ހިދުމަތް ދިނުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގަތެވެ.

ހުރާގެ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމާ ގުޅިގެން، ކުރިން ފެނަކައިގައި މަސައްކަތްކުރި 32 މުވައްޒަފުން މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު ސްޓެލްކޯއިން މިހާރު ދަނީ މާލެ އަތޮޅުގެ ހުރިހާ ރަށެއްގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ސްޓެލްކޯގެ ޑީއެމްޑީ ޑރ. އަލީ އަޒްވަރު ވިދާޅުވީ، ހުރާގެ ހިދުމަތްތައް އެހެން ރަށްރަށެކޭ އެއްފަދައިން ސްޓެލްކޯގެ މިންގަނޑަށް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންނާ ގުޅިގެން މިހާރަށްވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ޕްލޭންތަކެއް ކުރެވިފައިވާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ސްޓެލްކޯއިން މިހާރު ދަނީ ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން ކ، އއ، އދ އަދި ވ އަތޮޅުގެ ޖުމްލަ 36 ރަށެއްގައި ހިދުމަތް ދެމުންނެވެ. މީގެ ތެރޭގައި ކަރަންޓުގެ ހިދުމަތްދޭ 25 ރަށާއި، ފެނުގެ ހިދުމަތްދޭ ރަށްތަކުގެ އިތުރުން 24 ރަށެއްގައި ނަރުދަމާގެ ހިދުމަތްވެސް އެ ކުންފުނިން ފޯރުކޮށްދެއެވެ.