ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން "ބިލެތްމާ ޓޭސްޓީ" ބްރޭންޑުގެ ދަށުން އުފައްދާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން "ބިލެތްމާ ޓޭސްޓީ" ނަމަކަށް ކިޔާ ތަނެއް ބަލާ ފާސްކުރިއިރު، އެތަނަކީ އާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ބްރޭންޑުގެ ދަށުން ތެލުލި ފަތް، ކޮށި މަސް، ކުޅި ކާޖާ، އަދި ރިހާކުރު ފަދަ ބަންދުކުރި ކާބޯތަކެތި އުފައްދައި ބާޒާރަށް ނެރެމުންދެއެވެ.
މި ތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއް ނޫންކަންވެސް ތަހުގީގަށް ވަނީ ހާމަވެފައެވެ. އެހެންކަމުން، އެތަނުގައި ކުރަމުން އައި ހުރިހާ މަސައްކަތެއް ވަގުތުން ހުއްޓާލުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، "ބިލެތްމާ ޓޭސްޓީ" ބްރޭންޑުގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރުމަށާއި، ވިޔަފާރިތަކުން އެތަކެތި ނުވިއްކުމަށް އިލްތިމާސްކޮށްފައެވެ.
