ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، ނިމިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 632 މައްސަލައެއްގެ ތަހުގީގު ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އެ ކޮމިޝަނަށް ޖުމްލަ 916 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން 797 ޝަކުވާއަކީ އާންމުން ހުށަހެޅި މައްސަލަތައް ކަމަށްވާއިރު، ބާކީ 119 މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބަލަން ރަޖިސްޓްރީކުރި މައްސަލަތަކެވެ.

ތަހުގީގުކޮށް ނިންމި 632 މައްސަލައިގެ ތަފްސީލަށް ބަލާއިރު، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން 518 މައްސަލައެއް ވަނީ ނިންމާފައެވެ. އަދި އެންޓި ޓޯޗާ ގާނޫނުގެ ދަށުން 114 މައްސަލައެއް ތަހުގީގުކޮށް ނިންމާފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ގިނަ އަހަރުތަކެއްގެ ބޭކްލޮގް މައްސަލަތައް ހިމެނޭއިރު، 2015 އަދި 2016 ވަނަ އަހަރުގެ މައްސަލަތައްވެސް ވަނީ ނިންމާފައެވެ.

ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ގައިދީންނާއި ބަންދުގައި ތިބޭ ފަރާތްތަކުގެ ހައްގުތަކާ ގުޅޭ ޝަކުވާތަކެވެ. އޭގެ ތެރެއިންވެސް ގައިދީންނަށް ލިބޭ ސިއްހީ ހިދުމަތްތަކާ ގުޅޭ 148 މައްސަލައެއް މިދިޔަ އަހަރު ބަލާފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ ޒިންމާ އޮންނަ މި މުއައްސަސާއިން ދަނީ، ހުށަހެޅޭ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.