ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދުނިޔޭގެ އިމަޖެންސީ ތެޔޮ ރިޒާވްގެ 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރެއް ބޭނުންކުރުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން ހުށަހަޅުއްވައިފިއެވެ.

ޖީ7 ގެ ރިޔާސަތު މިވަގުތު ބަލަހައްޓަމުންދާ ފްރާންސްގެ އިސްނެގުމުގެ މަތިން ބޭއްވި ޖީ7 ގެ މާލީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއްގައި މި ހުށަހެޅުމާމެދު ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ) ގެ އިސްވެރިޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ހަނގުރާމައިގެ ސަބަބުން ހަކަތައާއި ތެލުގެ ބާޒާރަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުންނެވެ.

ތެލުގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި، އިމަޖެންސީ ރިޒާވްގެ ބައެއް ދޫކޮށްލުމަކީ މިވަގުތު އޮތް އެންމެ ރަނގަޅު އެއް ހައްލުކަމަށް މެކްރޯން ފާހަގަކުރެއްވިއެވެ. އަދި މިކަން ކުރިއަށްގެންދާނީ އައިއީއޭގެ މެންބަރު ގައުމުތަކުން، އެ އޭޖެންސީގެ ބެލުމުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކުއްލި ބައްދަލުވުމުގެ މަޝްވަރާތަކަށްފަހު، މިކަމާ ގުޅޭ ރަސްމީ ބަޔާނެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.