ރޯދަމަހަކީ ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިދޭ މައްސަރެކެވެ. މީގެ އިތުރުން، ރޯދައަށް ހުރުމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަ ކަމެކެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، ރަނގަޅު އުސޫލަކުން ރޯދަ ހިފުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެ، ސެލްތައް މަރާމާތުވުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް، ރޯދައަށް ހުންނަ ވަގުތާއި ރޯދަވީއްލާ ވަގުތުތަކުގައި ކެއިންބުއިމާއި ނިދުމަށް ބަދަލުތަކެއް އަންނާތީ، ދިފާޢީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ދިފާޢީ ނިޒާމު ބަލިކަށިވަނީ ރޯދަ ހިފުމުގެ ސަބަބަކުން ނޫނެވެ. އެހެންނަމަވެސް، ފެން މަދުވުމާއި، މޭވާއާއި ތަރުކާރީ މަދުން ބޭނުންކުރުމާއި، ގިނައިން ހަކުރާއި ތެޔޮ އެއްޗެހި ކެއުމުގެ ސަބަބުން ދިފާޢީ ނިޒާމަށް ނޭދެވޭ އަސަރު ކުރެއެވެ.

ދިފާޢީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއް މާއްދާއަކީ ވިޓަމިން ސީ އެވެ. މިއީ ހަށިގަނޑުގެ ދިފާޢީ ސެލްތައް ވަރުގަދަކޮށްދީ، ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އިތުރުކޮށްދޭ މާއްދާއެކެވެ. ރޯދަމަހު މޭވާ ކެވޭ މިންވަރު މަދުވުމުން މި މާއްދާ ހަށިގަނޑުން މަދުވެދާނެއެވެ. އެހެންކަމުން، ރޯދަވީއްލާ ގަޑީގައި ނުވަތަ ހާރުގަޑީގައި އޮރެންޖު، ކީވީ، އަދި ސްޓްރޯބެރީ ފަދަ މޭވާތަކާއި، ބްރޮކޮލީ ނުވަތަ ކެޕްސިކަމް ފަދަ ތަރުކާރީ ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން، ވިޓަމިން ޑީ އަކީ ވެސް ދިފާޢީ ނިޒާމު ހަމަހަމަކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. އައްވަށް ހުށަހެޅޭ މިންވަރު މަދުވުމުގެ ސަބަބުން ލޭގައި މި މާއްދާ މަދުވެދާނެތީ، މަހުގެ ބާވަތްތަކާއި ކުކުޅުބިހުގެ ރީނދޫބައި ކެއުމުގައި ހިމެނުން ބުއްދިވެރިއެވެ.

ހަށިގަނޑުގެ ދިފާޢީ ސެލްތައް އުފެއްދުމަށާއި، ޒަޚަމްތައް ފަސޭހަވުމަށް ޒިންކް އަދި ސެލެނިއަމް ފަދަ މިނަރަލްތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެހިތަކެކެވެ. މި މާއްދާތައް އެންމެ ގިނައިން ލިބެނީ މަހާއި، ކުކުޅުމަހާއި، އެކި ބާވަތްތަކުގެ ތޮޅިއާއި، އޮށްތަކުންނެވެ. ހަމައެއާއެކު، ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ގާތްގަނޑަކަށް 70 އިންސައްތަ ގުޅިފައިވަނީ ގޮހޮރުގެ ދުޅަހެޔޮކަމާއެވެ. އެހެންކަމުން، ޕްރޮބަޔޮޓިކްސް އެކުލެވޭ ކާނާ، ޚާއްޞަކޮށް ކިރު ނުވަތަ ޔޯގަޓް ފަދަ ތަކެތި ބޭނުންކުރުމަކީ ރޯދަމަހު ބަލިތަކުން ރައްކާތެރިވުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ކިރަކީ ރޯދަމަހު ބޯން އެންމެ ރަނގަޅު އެއް ބުއިމުގެ ގޮތުގައި ފާހަގަކުރެވެއެވެ.

ރޯދަމަހުގެ ކެއިންބުއިމުގެ އާދަތައް ރާވާއިރު، ހާރުގެ ގަޑިއަކީ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ވަރަށް މުހިންމު ގަޑިއެކެވެ. ހާރު ނުކައި ދޫކޮށްލުމަކީ ހަށިގަނޑު ބަލިކަށިވެ، ދިފާޢީ ނިޒާމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ހާރުގަޑީގައި ގިނަވަގުތު ހަކަތަ ހިފަހައްޓައިދޭނެ ކާނާ ކަމަށްވާ ބިހާއި، އޯޓްސް އަދި ފައިބަރ ގިނަ ތަރުކާރީ ހިމަނަންވާނެއެވެ. ރޯދަވީއްލާއިރު، އެންމެ ފުރަތަމަ ފެނާއި ކުދުރު ނުވަތަ ކަރާ ފަދަ އެއްޗަކުން ފަށައި، ހަށިގަނޑަށް ބުރަ ނުވާނެހެން މަޑުމަޑުން ކެއުމަށް އާދަކުރަންޖެހެއެވެ. ތެޔޮ ގިނަ ކާނާއާއި މާގިނައިން ހަކުރު ހުންނަ ބުއިންތަކުގެ ބަދަލުގައި، ތާޒާ މޭވާގެ ސޫޕާއި، ސަލަޑް އަދި ޕްރޮޓީން ހިމެނޭ ކާނާ ބޭނުންކުރުމަކީ ދުޅަހެޔޮކަން އިތުރުވާނެ ކަމެކެވެ.

އެންމެ ފަހުން ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ ދިރިއުޅުމުގެ އާދަކާދަތަކެވެ. ރޯދަވީއްލުމަށްފަހު ފަތިހާ ހަމައަށް މަޑުމަޑުން ގިނައިން ފެން ބުއިމަކީ ދިފާޢީ ނިޒާމުގެ މަސައްކަތްތަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ތަރާވީޙް ނަމާދަށްފަހު ކުޑަކޮށް ހިނގާލުމާއި، 6 އާއި 8 ގަޑިއިރާ ދެމެދު ނިދުމަކީ ދިފާޢީ ނިޒާމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ހަމައެހެންމެ، ނަމާދާއި ޛިކުރުކުރުމުން ލިބޭ ނަފްސާނީ ހަމަޖެހުމަކީ ހަށިގަނޑުގެ ސްޓްރެސް ހޯރމޯންތައް ދަށްކޮށްދީ، ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ. މިފަދަ ދުޅަހެޔޮ އާދަތަކާއެކު ރޯދަ ހިފުމުން، ހަށިގަނޑަށް ދިިރުން ލިބި، ދިފާޢީ ނިޒާމު ކުރިއަށްވުރެ ވަރުގަދަވެގެންދާނެއެވެ.

ހަވާލާ: ހެލްތް އެންޑެ ވެލްބީން (2025).