ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެމްބިއުލަންސްތަކާއި އެހެނިހެން ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ހެލްތު މިނިސްޓްރީއާއި އެމްޕީއެލްއާ ދެމެދު މިރޭ ސޮއިކުރި ފަހުމުނާމާއެއްގެ ދަށުންނެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުالله އެވެ. މި ފަހުމުނާމާގެ ދަށުން، އަތޮޅުތަކުގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތައް ގަވާއިދުން ސާވިސްކުރުމާއި، ދިމާވާ މަރާމާތުގެ މަސައްކަތްތައް އެމްޕީއެލްގެ އެހީތެރިކަމާ އެކު ކުރިއަށްދާނެއެވެ.
މި ނިންމުމުގެ ސަބަބުން އަތޮޅުތަކުގައި އެމްބިއުލަންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ގަބޫލުކުރެއެވެ. އެމްޕީއެލް އަކީ ބަރު އުޅަނދުތަކާއި އެކި ބާވަތުގެ ވެހިކަލްތައް މަރާމާތުކުރުމުގެ ތަޖުރިބާ ހުރި ކުންފުންޏަކަށް ވުމުން، މި ހިދުމަތް އިތުރަށް އަވަސްވެ، ސިއްހީ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
