ޖަޕާނުގެ މާކެޓަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށާއި، މިފްކޯގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ޖަޕާނުގެ ސަރުކާރުގެ އިދާރާއެއް ކަމަށްވާ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާ އެކު މުހިންމު މަޝްވަރާތަކެއް ފަށައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިފްކޯގެ އިސް ބޭފުޅުން މިހާރު ޖަޕާނުގެ ޓޯކިޔޯއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވަނީ ޖަޕާނުގައި މިފްކޯގެ ވިޔަފާރި ފުޅާކުރެވިދާނެ ގޮތްތަކާއި، އެކަމުގައި ޖެޓްރޯއަށް ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރާއި ކޯޕަރޭޓް އެފެއާޒް ޖެނެރަލް މެނޭޖަރު އާމިނަތު ސަނިއްޔާ ޝަރީފެވެ. އޭގެ އިތުރުން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ އެމްބެސެޑަރު އަހުމަދު އާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާ ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މިފްކޯއިން ބުނީ މިއީ އިންޓަނޭޝަނަލް މާކެޓުތަކުގައި އެ ކުންފުނީގެ އުފެއްދުންތަކަށް އޮތް ފުރުސަތުތައް ހޯދައި، ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު މަޝްވަރާތަކެއް ކަމަށެވެ. މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކަށް ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.