ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު 1994 ވަނަ އަހަރު އައިޝްވާރިއާ ރާއީ ބައްޗަން ކާމިޔާބުކުރިއިރު، އެ ކާމިޔާބީގެ ފަހަތުގައި އޮތީ ތަފާތު 20 ސާޅީއެއްގެ ހިތްގައިމު ސްޓައިލެކެވެ. މަޝްހޫރު ފެޝަން ސްޓައިލިސްޓް އޭޝްލީ ރެބެލޯ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ، އައިޝްވާރިއާ އެ މުބާރާތަށް ތައްޔާރުކުރުމަށް އޭނާ ކުރި މަސައްކަތުގެ ސިއްރުތައް ހާމަކޮށްފައެވެ.
އޭޝްލީ ކިޔައިދިން ގޮތުގައި އޭނާ ވަނީ އައިޝްވާރިއާ އަށް ހާއްސަކޮށްގެން ތަފާތު ކުލަކުލައިގެ 20 ޝިފޯން ސާޅީ ފަރުމާކޮށްދީފައެވެ. މީގެ ތެރޭގައި މަޑު ނޫކުލައާއި ގަދަ ފިޔާތޮށި ކުލައިގެ ސާޅީތައް ހިމެނެއެވެ. އައިޝްވާރިއާއަށް އޭނާ ދިން އިރުޝާދަކީ ކޮންމެ ދުވަހަކު ހެނދުނު ސައިބޯން ދާއިރު އާ ސާޅީއެއް ލައިގެން ދިއުމަށެވެ. މީގެ އިތުރުން ސާޅީތަކާ ގުޅޭ ގިނަ އަދަދެއްގެ ބިންޑީއާއި ބަނގުޑީގެ ކަލެކްޝަނެއް ވެސް އޭނާ އައިޝްވާރިއާ އާ ހަވާލުކުރިއެވެ.

މި ސްޓައިލްގެ ސަބަބުން މުބާރާތުގެ އެހެން ބައިވެރިންގެ މެދުގައި އައިޝްވާރިއާ ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ. އައިޝްވާރިއާ ފަހުން ބުނެފައިވާ ގޮތުގައި، އެހެން ގައުމުތަކުގެ ބައިވެރިން އޭނާގެ ރީތިކަމާއި ސްޓައިލަށް ހިތްޖެހި، އޭނާ ގެންގުޅުނު ހުރިހާ ބިންޑީތަކާއި ބަނގުޑީތައް ބޭނުންކޮށް ހުސްކޮށްލިއެވެ. މިއީ މިއަދު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ތަރީގެ ގޮތުގައި ބެލެވޭ އައިޝްވާރިއާގެ ކާމިޔާބީގެ ފެށުމެވެ.
