ކެލިފޯނިއާގެ އަތިރިމައްޗަށް "ސަން ބާތް" އަކަށް ނުކުތް މީހަކު މަރުވެއްޖެއެވެ. އެ ގައުމުގެ ހޫނުމިން މިދުވަސްކޮޅު ވަނީ ވަރަށް މައްޗަށް ގޮއްސައެވެ.

އުމުރުން 55 އަހަރުގެ ޖޮފްރީ މާޓިން ނަމަކަށް ކިޔާ މި މީހާ ހޫނު މޫސުމުގެ ހިތްގައިމުކަން ލިބިގަތުމަށް އަތިރިމައްޗަށް ނުކުތްކަމަށް ވެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އޭނާ އަތިރިމަތީގައި ކުނަލެއް ފަތުރާ ސޯޓުކޮޅެއް އެކަނި ލައިގެން އޮތެވެ. އަދި އެގޮތުގައި 3 ގަޑިއިރު ވަރު ވަންދެން އޭނާ އަތިރިމަތީގައި އޮތްކަމަށް މަންޒަރު ދުއްމީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އޭނާ އަތިރިމަތީގައި އޮވެފައި އެއްގަމާދިމާލަށް ހިނގައި ގަތް ކަމަށާއި މަގުމައްޗަށްވެސް ނުކުތްކަމަށް އެ ހިސާބުގައި ތިބި މީހުންވަނީ މައުލޫމާތުދީފައެވެ. އަދި ކުއްލިއަކަށް ދުވާރުމައްޗަށް ވެއްޓުމުން އެތަނަށް މީހުންއެއްވެ، އެހިސާބުން އޭނާ ވަނީ ހޮސްޕިޓަލަކަށްވެސް ގެންގޮސްފައެވެ.

އެ ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އޭނާ ހޮސްޕިޓަލަށް ގެނެވުނުއިރުވެސް އޮތީމަރުވެފައި ކަމަށެވެ. އޭނާ މަރުވެފައި ވަނީ "ހީޓް ސްޓްރޯކެއްގެ" ސަބަބުން ލޭގެ ޕުރެސަރު ދަށްވެގެންކަމަށް ވެސް ހޮސްލިޓަލުން ބުނެއެވެ. އޭނާގެ ހަށިގަނޑުގެ ހޫނުމިން ބެލި އިރު 105 ގައި ހުރިކަމަށް އަވަސް ފަރުވާޓީމުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގުމުން އެ ސަރަހައްދުގެ މޫސުމާ ބެހޭ އިދާރާތަކުން ހާމަ ކުރި މައުލޫމާތު ތަކުގައި އެދުވަހުގެ އެވަގުތު، އެ ސަރަހައްދުގެ ހޫނުމިން ވަނީ 119 ޑިގްރީއަށް އުފުލިފައެވެ. ހުޅަނގުގެ ބައެއް ގައުމުތަކުގައި ހޫނުމިން ވަނީ ކުރިން ނުދާ ވަރަކަށް މައްޗަށް ގޮސްފައެވެ. އެގޮތުން ކެނެޑާގަވެސް ވަނީ ގިނަ ބަޔަކު ހޫނުގެ ސަބަބުން މަރުވެފައެވެ.