އދ. ދިގުރަށުގެ އުމްރާނީ ތަރައްގީއާ އެއްވަރަށް އެ ރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް ދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއީ ރަށަށް އަންނަމުންދާ ބޮޑު ބަދަލާއެކު، ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރިއަށްގެންދާ "ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިން" މަޝްރޫއެކެވެ.
މި މަސައްކަތުގެ ތެރެއިން، ރަށުގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ބާރު ސްޕީޑުގައި ކުރެވެމުންނެވެ. މި މަޝްރޫއުގެ ސަބަބުން ރަށުގެ ކަރަންޓު ބެހިގެންދާ ގޮތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.
މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭވީއޭގެ އަޕްސްޓްރީމް ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މީގެ އިތުރުން ރަށުގެ ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައި އާ ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައެވެ.
މި މަސައްކަތާ ގުޅޭގޮތުން އޮފީހުން ބުންޏެވެ. އަމާޒަކީ ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމެވެ. މީގެ ސަބަބުން ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ހިދުމަތެއް ލިބިގެންދާނެ ކަމަށް އޮފީހުން ބުންޏެވެ.
