އެއީ ރީތިކަމުގައި އެފަދައެއް ނުވާ ރީތި އަންހެނެކެވެ. ހަމަ ގައިމުވެސް އަހަރެންނަށް އޭނާ ފެންނަނީ އެފަދައިންނެވެ. އޭނާގެ މޫނުމަތީގައި ވަނީ ޖާދުވީ ކުލަވަރެކެވެ. ހިނިތުންވުމުގައި ވަނީ މަސްތީ މަޑުމައިތިރިކަމެކެވެ. ކޮންމެއަކަސް އެ އަންހެނާއަށް އަހަރެންގެ ހިތް ދޫވެއްޖެއެވެ. އޭނާއަށް ލޯބީގެ ސިޓީއެއް ލިޔާން އުޅި އުޅި، މާ މޮޅުއެއްޗެއް މި ހިތަށް އައިސް މި އަތަކުން ލިޔެވޭގޮތެއް ނުވިއެވެ.
ޝާއިރުންގެ ބަސްތަކާއި އިބާރާތްތައް ހޯދާން އިހުގެ ފޮތްތައް އުކާން ފެށީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އެބުނާ ހިތިފަތު ބުމައާއި ދޮންއިހި ކަނދުރާއެވެ. އާނއެވެ! އާނއެކެވެ! އެއީ ތެދެކެވެ. އޭނާގެ ބުމައަކީ ހަމަ ހިތިފަތު ބުމައެކެވެ. އޭނާގެ ކަނދުރާއަކީ ހަމަ ދޮންއިހި ކަނދުރާއެކެވެ. އެހާވެސް ފުރިހަމައެވެ. ހަމަ ގައިމުވެސް ފެންނާން ހުރީ އެހެނެވެ. ފޮޓޯތަކާއި މަގުމަތިން އެ އަންހެނާ ފެންނަނީ ހަމަ އެބާހެނެވެ. އެ ހިތިފަތު ބުމައިން ޒަހަމް ނުވާނެ ހިތެއް، އެ ދޮންއިހި ކަނދުރާއިން ފަތަހަ ނުކުރާނެ ޖިސްމެއް ނުވާނެއެވެ.
ކޮންމެއަކަސް ދުވަސްތައް އެހެން މިހެން ފާއިތުވަމުން ގޮސް އެ އަންހެނާގެ ހަގީގަތް ކޮންމެވެސް ވަރަކަށް ހޯދަން ފެށިއްޖެއެވެ. އަހަރެންވާ ގަންނާކުރެއްވި ލަދުން ދެތަލި ގާތްވެސް ނުވީއެވެ. އެބުނާ ހިތިފަތު ބުމައާއި ދޮންއިހި ކަނދުރާ މިވީ ދައްކާ ދަޅައަކަށެވެ. ހިތިފަރު ބުމައޭ ކިޔުނު އެ ބުމައިގެ ހަގީގަތަކީ ބޮނބިނަރު ހޯލިތަކެކެވެ. ދޮން އިހި ކަނދުރާއޭ ކިޔުނު ކަނދުރާގެ ހަގީގަތަކީ ކޮބައިކަން ދެން އަހަރެން ބުނާކަން ނެތީމެވެ. މީސްތަކުންގެ ހިތަށް ޒަހަމްކޮށް ޖިސްމުތައް ފަތަހަ ކުރަމުން އެ ދިޔަ ހިތިފަތު ބުމައާއި ދޮން އިހި ކަނދުރާ އަކީ ކުލަދެލީގެ ޖާދުލެކެވެ. އެހެރަ ބުމައެއްގައި ބޫޓު ޕޮލިސްފާޑު އެއްޗެއް އެހެރަ ހާކާ ގޮތަކުން ހިތިފަތު ބުމައަކާ ހާދަ ވައްތަރެވެ. އެހެރަ ކަނދުރާގައި ކާތާ ގޮދަނާއި ޒުވާރިއާއި އަދި އެނޫންވެސް ޒާތްޒާތުގެ ފުށުން އެއީ އެބުނާހެން ހަމަ ދޮންއިހި ކަނދުރާއެކެވެ.
އެކަމަކު ވިސްނާލާށެވެ. ތިޔަ ބުމައާއި ތިޔަ ކަނދުރާ ތިޔާހެން އިޝްތިހާރުކުރުމުން އާޝޯހުވެ ދީވާނާ ވާނެ ކިތައް މީހުން އުޅޭނެ ހެއްޔެވެ. އެކަމަކު ހަގީގަތް ފެންނަ ދުވަހު، ދީވާނާގެ މައްޗަށް ދީވާނާ އިތުރުވެގެންދާނެ މީހުން އަމުދަކުން މަދެއް ނުވާނެއެވެ. އެހެންކަމުން މިފަދަ މަކަރުވެރި ހީލަތްތެރި ޒަމާނެއްގައި، ހިތިފަތު ބުމައެއް އަދި ދޮންއިހި ކަނދުރާއެއް ފެނުނަސް އެއީ ހަގީގަތް ކަމުގައި ގަބޫލުނުކުރާށެވެ. އޮޅުވާލުމާ މަކަރު މިހުންނަނީ ޝާއިރުންނާއި ޅެންވެރިންނަށްވެސް އޮޅޭހާ ފުރިހަމަކޮށެވެ.
