އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން އަސްކަރީ ގޮތުން ކުރިމަތިލުމަކަށް ތައްޔާރުވަމުންދާއިރު، އެ ގައުމު ބަލިކޮށްލުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނަން ފަށައިފިއެވެ. އަލްޖަޒީރާއިން ދާދި ފަހުން ޝާއިއުކުރި ތަފްސީލީ ރިޕޯޓެއްގައި ބުނެފައިވަނީ، އީރާނުން މިހާރު ތައްޔާރުވެފައިވަނީ ދިގުދެމިގެންދާ ހަނގުރާމައަކަށް ކަމަށާއި، އެމެރިކާގެ ޒަމާނީ ހަތިޔާރުތަކުން އެކަނި އީރާނުގެ ދިފާއީ ނިޒާމު ފުނޑާލުމަކީ ދަތި ކަމެއް ކަމަށެވެ.
އީރާނުން ފާއިތުވި ދިހަވަރަކަށް އަހަރު ހޭދަކޮށްފައިވަނީ އެ ގައުމުގެ އަސްކަރީ އޮނިގަނޑު ވަރުގަދަކުރުމަށެވެ. މީގެ އެންމެ ބޮޑު ސިއްރަކީ އީރާނުން އެކުލަވާލާފައިވާ "ލާމަރުކަޒީ މޮސައިކް ޑިފެންސް" ނިޒާމެވެ. މި ނިޒާމުގެ ދަށުން، އީރާނުގެ މަރުކަޒީ ސަރުކާރު ނުވަތަ އިސް އަސްކަރީ ކޮމާންޑަރުންނަށް ހަމަލާއެއް އަމާޒުވެ، އެ ފަރާތްތަކުގެ މުވާސަލާތީ ގުޅުން ކެނޑިގެންދިޔަ ނަމަވެސް، ހަނގުރާމަ މެދުނުކެނޑި ކުރިއަށް ގެންދެވޭނެއެވެ.
މި ނިޒާމު ބިނާކޮށްފައިވަނީ އީރާނުގެ 31 ޕްރޮވިންސެއްގައި ގާއިމުކޮށްފައިވާ އަސްކަރީ ގޮފިތަކުގެ މައްޗަށެވެ. ކޮންމެ ޕްރޮވިންސަކީ ވެސް އަމިއްލައަށް ނިންމުންތައް ނިންމައިގެން ދުޝްމަނުންނާ ހަނގުރާމަ ކުރުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. މިއީ 2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އެރި ވަގުތު، އެ ގައުމުގެ މަރުކަޒީ ސަރުކާރު ވެއްޓުމާއެކު މުޅި އަސްކަރިއްޔާ ރޫޅިގެންދިޔަ ހާދިސާއިން އިބުރަތް ހޯދައިގެން އީރާނުން އެކުލަވާލި އުކުޅެކެވެ.

އީރާނުގެ ދިފާއީ ވަޒީރުންނާއި އިސްވެރިން ހާމަކުރައްވާ ގޮތުގައި، ކޮންމެ މުހިންމު މަގާމަކަށް ހަތަރު ބަދަލުވެރިން ނުވަތަ "ސަކްސެސާސް" ވަނީ ކުރިއާލައި ކަނޑައަޅާފައެވެ. އެހެންކަމުން، އެއް ލީޑަރަކު ޝަހީދުވެއްޖެ ނަމަ، ވަގުތުން ދެން ހުރި މީހާ އެ މަގާމާ ހަވާލުވެ، ހަނގުރާމައިގެ މައިދާނުގައި އެއްވެސް މެދުކެނޑުމެއް ނެތި ހަމަލާތައް ކުރިއަށް ގެންދާނެއެވެ. މިއީ ދުޝްމަނުންނަށް އީރާނުގެ ލީޑަޝިޕް އެއްކޮށް ނައްތާލުމަށް އޮތް ބޮޑު ހުރަހެކެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގުޗީ ވިދާޅުވެފައިވާ ގޮތުގައި، ވެރިރަށް ތެހެރާނަށް ބޮން އެޅި ނަމަވެސް، އީރާނުގެ ދިފާއީ ބާރުތަކުން ހަނގުރާމަ ކުރިއަށް ގެންދާނެއެވެ. އީރާނުގެ އަސްކަރިއްޔާ ބެހިފައިވަނީ އާދައިގެ ސިފައިންނާއި، ރިވޮލިއުޝަނަރީ ގާޑްސް އަދި ބަސީޖް މިލިޝިއާގެ މައްޗަށެވެ. މި ޖަމާއަތްތަކަކީ "އެސިމެޓްރިކް ވޯފެއާ" ނުވަތަ ނުރަސްމީ ހަނގުރާމައިގެ އުކުޅުތަކަށް ވަރަށް ބޮޑަށް ތަމްރީނުވެފައިވާ ބަޔެކެވެ.
މީގެ އިތުރުން އީރާނުގެ މިސައިލް އަދި ޑްރޯން ޓެކްނޮލޮޖީއަކީ އެމެރިކާ އާއި އިޒްރޭލަށް އޮތް ބޮޑު ބިރެކެވެ. އީރާނުން ވަނީ ބިމުގެ އަޑީގައި ބޮޑެތި "މިސައިލް ސިޓީތައް" ބިނާކޮށްފައެވެ. މި ތަންތަނަށް ހަމަލާދީ ހަލާކުކޮށްލުމަކީ ވައިގެ މަގުން ދޭ ހަމަލާތަކުން އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އީރާނުން ބޭނުންވަނީ ދުޝްމަނުންނަށްވުރެ ވަރުގަދައަށް ހަނގުރާމަ ކުރުމުގެ ބަދަލުގައި، ދުޝްމަނުންނަށްވުރެ ގިނަ ދުވަހު ހަނގުރާމައިގައި ހިފަހައްޓާލުމަށެވެ.

އަލްޖަޒީރާގެ ރިޕޯޓުގައި ބުނެފައިވަނީ، އީރާނުން "ވަގުތު" ބޭނުންކުރަނީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް އެމެރިކާ އާއި އިޒްރޭލުގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިޔާސީ ގޮތުން އެ ގައުމުތަކުގެ ސަރުކާރުތަކަށް ރައްޔިތުންގެ ފިއްތުންތައް ކުރިމަތިވާނެއެވެ. އީރާނުގެ އަމާޒަކީ ދުޝްމަނުންގެ ހިތްވަރު އެލުވާލައި، ހަނގުރާމައިގެ ބޮޑު ހޭދަ އުފުލަން ނުކުޅެދޭ ފެންވަރަށް ކަންކަން ގެންދިއުމެވެ.
އީރާނުގެ އަސްކަރީ ރޭވުންތެރިކަން ހުރި ގޮތުން، އެ ގައުމުގެ އެކި ހިސާބުތަކުގައިވާ ކަނޑުގެ ސަރަހައްދުތަކާއި ފަރުބަދަމަތީގެ ސަރަހައްދުތަކަކީ ދުޝްމަނުންނަށް ވަންނަން އުނދަގޫ ތަންތަނެވެ. ހާއްސަކޮށް ހޯމްޒް ކަނޑުއޮޅި ފަދަ މުހިންމު ސަރަހައްދުތައް ބަންދުކޮށްލުމުގެ ގާބިލުކަން އީރާނަށް ލިބިފައިވުމީ، ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރުވާލެވޭނެ ކަމެކެވެ. މިއީ ހަނގުރާމައެއް ފެށުމުގެ ކުރިން އެމެރިކާއިން އެންމެ ބޮޑަށް ޖެހިލުންވާ އެއް ކަމެވެ.

ކޮންމެއަކަސް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ "ވިއެޓްނާމް" ނުވަތަ "އަފްޣާނިސްތާން" ހަނގުރާމައަށްވުރެ ވެސް ބޮޑު އަދި ނުރައްކާތެރި ކަމަކަށް ވެގެންދާނެ ކަމަށް މުހައްލިލުން ގަބޫލުކުރެއެވެ. އީރާނުން ވަނީ އެ ގައުމުގެ ދިފާއުގައި މުޅި ރައްޔިތުން ތައްޔާރުކޮށްފައެވެ. ގައުމީ ލޯތްބާއި ދީނީ ފިކުރުގެ ބޭނުން ހިފައިގެން، މަރުވާން ޖެހުނަސް ފަހަތަށް ނުޖެހޭނެ ފަދަ ލަޝްކަރެއް އީރާނުގައި އެބައޮތެވެ.
ނިންމާލަމުން ދަންނަވާނަމަ، އެމެރިކާ އާއި އިޒްރޭލަށް އީރާނު ބަލިކުރުން ފަސޭހަނުވާނެ މައިގަނޑު ސަބަބަކީ، އީރާނުން ހަމައެކަނި ހަތިޔާރަށް ބަރޯސާވުމުގެ ބަދަލުގައި، ދިގު މުއްދަތުގެ ސްޓްރެޓީޖިކް ރޭވުންތެރިކަމެއް ގެންގުޅޭތީއެވެ. އެ ގައުމުން ވަނީ ދުޝްމަނުންގެ ހުރިހާ އުކުޅުތަކެއް ދިރާސާކޮށް، އެކަންކަމަށް ރައްދުދޭނެ ވަރުގަދަ ނިޒާމެއް ބިނާކޮށްފައެވެ. އެހެންކަމުން، މިއީ ހަމައެކަނި އަސްކަރީ ކުރިމަތިލުމެއްގެ ބަދަލުގައި، ކެތްތެރިކަމާއި ރޭވުންތެރިކަމުގެ ބޮޑު އިމްތިހާނަކަށް ވެގެންދާނެއެވެ.
