މިއަހަރުގެ ފިޠުރު ޢީދުގެ އުފާ ފާހަގަކުރުމަށްޓަކައި މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި "ޢީދު ހަވީރު 1447" ކުލަގަދަކޮށް ބޭއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ އިތުރުން، ހުޅުމާލޭގެ ދެ ސަރަހައްދަކާއި ވިލިމާލޭގައި ވެސް މި ހަރަކާތްތައް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތައް މިއަހަރު ތިން ދުވަހަށް ދެމިގެންދާނެއެވެ. ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ހަވީރުގައި، ސަރުކާރުގެ 10 ކުންފުންޏަކުން ބައިވެރިވެ ތަފާތު ކުޅިވަރުތަކާއި ގޭމްތައް ކުރިއަށް ގެންދާނެއެވެ. މީގެ ތެރޭގައި ޢީދު ހަދިޔާ ދިނުމާއި ކުޑަކުދިންނަށް ހާއްސަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެއެވެ.

މި ހަވީރުގެ އެންމެ ހާއްސަ އެއް ކަމަކީ އެމްއެންޑީއެފްގެ ފަރާތުން ދައްކާލާ ސިފައިންގެ އުޅަނދުތަކާއި ހަތިޔާރުތަކެވެ. މި ތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާއިރު، ސިފައިން ބޭނުންކުރާ އެކި ކަހަލަ ޔުނިފޯމްތައް ވެސް މި ހަވީރުގައި ދައްކާލާނެއެވެ. މީގެ އިތުރުން ޢީދު ދުވަހު ސަލްޓަން ޕާކް ވެސް އާންމުންނަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި މި ހަރަކާތްތައް އިސްލާމީ މަރުކަޒުގެ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނަށް ކުރިއަށްދާއިރު، ހުޅުމާލޭގައި ހަރަކާތްތައް އޮންނާނީ ސެންޓްރަލް ޕާކާއި ހިޔާ ޕާކް ސަރަހައްދުގައެވެ. އަދި ވިލިމާލޭގައި މި ހަވީރު ކުރިއަށްދާނީ އެ ރަށުގެ ފުޓްބޯޅަ ދަނޑުގައެވެ. މިއީ އާއިލާތަކުން އެކުވެރި މާހައުލެއްގައި ޢީދު އުފާ ފާހަގަކުރުމަށް ސަރުކާރުން ހުޅުވާލި ވަރަށް ބޮޑު ފުރުސަތެކެވެ.