ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށްގެންދާ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ، ފުރިހަމަ ޞިއްޙަތެއްގައި ހުރި ޒުވާނުންނަށެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ 2026 މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެވޭނެއެވެ.

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން ހާއްސަ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ތަމްރީނު ފުރިހަމަކުރުމުން އިތުރު ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ވެސް ފަހިކޮށްދެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އެޕްރީލް 5 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ފޯމު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް ނުވަތަ މިނިސްޓްރީގެ ރިސެޕްޝަނަށެވެ.