އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން "ޓައިޓެނިކް" ފިލްމުގެ މަޝްހޫރު މަންޒަރެއް ސިފަވާ ގޮތަށް ތިއްބާ ދައްކުވައިދޭ ބުދެއް ވޮޝިންޓަން ޑީސީގައި ބަހައްޓައިފިއެވެ. މި ބިނާއަކީ އެމެރިކާގެ ސިޔާސީ މަސްރަހަށް ފާޑުކިޔުމަށް އާޓިސްޓުން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
"ސީކްރެޓް ހޭންޑްޝޭކް" ކިޔާ ސިއްރު އާޓިސްޓް ގްރޫޕަކުން ތައްޔާރުކޮށްފައިވާ މި ބިނާއަށް ދީފައިވާ ނަމަކީ "ކިންގް އޮފް ދަ ވޯލްޑް" އެވެ. ރަންކުލަ ޖަހާފައިވާ 12 ފޫޓު އުސް މި ބުދުން ފެންނަނީ ޓައިޓެނިކް ފިލްމުގެ ޖެކް އަދި ރޯޒްގެ މަޝްހޫރު ޕޯޒުގައި، އެޕްސްޓީންގެ ފަހަތުގައި ޓްރަމްޕް ހުންނަ މަންޒަރެވެ. މި ބިނާ ބަހައްޓާފައިވަނީ ވޮޝިންޓަންގެ ކެޕިޓަލް ބިލްޑިންގާއި ވޮޝިންޓަން މޮނިއުމަންޓާ ދެމެދު އޮންނަ ސަރަހައްދުގައެވެ.
މި ބިނާގެ ތިރީގައި ބަހައްޓާފައިވާ ބޯޑުތަކުގައި ޓްރަމްޕާއި އެޕްސްޓީންގެ މާޒީގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން ޓައިޓެނިކްގެ ލޯބީގެ ވާހަކަ ބިނާވެފައިވަނީ ސިއްރުތަކާއި ހަފުލާތަކުގެ މައްޗަށް ކަމަށް ބުނެ، ޓްރަމްޕާއި އެޕްސްޓީންގެ ގުޅުމަކީ ވެސް އެފަދަ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް އެ ބޯޑުތަކުގައި ސިފަކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ސަރަހައްދުގައި 10 ބެނާއެއް ވެސް ވަނީ ހަރުކޮށްފައެވެ. އެ ބެނާތަކުގައި ޓްރަމްޕާއި އެޕްސްޓީން އެކުގައި ތިބި ފޮޓޯތަކާއެކު "މޭކް އެމެރިކާ ސޭފް އެގެއިން" މި ޝިއާރު ލިޔެފައިވެއެވެ. މިއީ ޓްރަމްޕާއި އެޕްސްޓީންގެ މާޒީގެ ގުޅުން އަލުން އާންމުންގެ ސަމާލުކަމަށް ގެނައުމަށް އާޓިސްޓުން ކުރި މަސައްކަތެއް ކަމަށް ބެލެވެއެވެ.
ޓްރަމްޕް ވަނީ މީގެ ކުރިން ވެސް އެޕްސްޓީން ކުރި ކުށްތަކުގެ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިފައި ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެޕްސްޓީން މަރުވީ 2019 ވަނަ އަހަރު ޖަލުގައި ހުއްޓައެވެ. މި ބިނާއަކީ މި ގްރޫޕުން ވޮޝިންޓަންގައި ބެހެއްޓި މިފަދަ ހަތަރުވަނަ އާޓް އިންސްޓަލޭޝަނެވެ.
