އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ކުރިއަށްގެންދާ "އައިފޯން ޑްރޮޕް ގިވްއަވޭ" އާ ގުޅުވައިގެން، ސައްހަ ނޫން އެކައުންޓްތަކަކުން އާންމުންނަށް މެސެޖުކުރަމުންދާ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ފޭކް އެކައުންޓްތަކުން ގިވްއަވޭގެ ބައިވެރިންނަށް މެސެޖްކޮށް، ގޫގުލް ފޯމެއް ފުރުމަށް އެދެމުންދާ ކަމަށް އެލައިޑުން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން އެލައިޑުން ބުނީ، އެ ކުންފުނީގެ ފަރާތުން ބައިވެރިންނަށް އެއްވެސް ގޫގުލް ފޯމެއް ނުވަތަ ބޭރުގެ ލިންކެއް ނުފޮނުވާނެ ކަމަށެވެ. އަދި އަމިއްލަ މައުލޫމާތު ހިއްސާކުރުމަށް ނުވަތަ ފޯމު ފުރުމަށް އެދި ފޮނުވާ މިފަދަ މެސެޖުތަކަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި މެސެޖުތަކެއް ނޫން ކަމަށް ވެސް އެލައިޑުން ބުންޏެވެ. ގިވްއަވޭއާ ގުޅުންހުރި ހުރިހާ މުއާމަލާތްތަކެއް ހިންގާނީ އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް (@allied.mv) މެދުވެރިކޮށް އެކަނި ކަމަށް އެ ކުންފުނިން ޔަގީންކޮށްދެއެވެ.

ޝައްކުކުރެވޭ ފަދަ މެސެޖެއް ލިބިއްޖެނަމަ، އެ މެސެޖަކަށް ޖަވާބު ނުދީ އެކައުންޓް ރިޕޯޓްކުރުމަށްފަހު އެލައިޑަށް އެކަން އެންގުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދީ، އޮންލައިންކޮށް ހިންގާ މިފަދަ އޮޅުވާލުންތަކަށް ސަމާލުވުމަށް އެލައިޑުން ވަނީ އެދިފައެވެ. ސައްހަ މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ވެރިފައިޑް އިންސްޓަގްރާމް އެކައުންޓް ފޮލޯކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.