އީރާނާ އެމެރިކާ-އިޒްރޭލާ ދެމެދު ކުރިއަށްދާ ވަރުގަދަ ހަނގުރާމައިގެ ތެރެއިން، އީރާނުން އިޒްރޭލުގެ މައި އެއާޕޯޓު ކަމަށްވާ ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ނުރައްކާތެރި މިސައިލް ހަމަލާތަކެއް ދީފި ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނެފިއެވެ. އީރާނުން ބުނާ ގޮތުގައި މި ހަމަލާތަކުގައި އެ ގައުމުގެ އެންމެ ޒަމާނީ "ފައްތާހު" ހައިޕަސޮނިކް މިސައިލާއި "ޚުއްރަމްޝަހަރު-4" ބެލިސްޓިކް މިސައިލް ވަނީ ބޭނުންކޮށްފައެވެ.
އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު ބެން ގޫރިއަން އެއާޕޯޓަށާއި އެ ސަރަހައްދުގެ އަސްކަރީ މަރުކަޒުތަކަށް ސީދާ ހަމަލާތަކެއް އެރި ކަމަށެވެ. މީގެ ސަބަބުން އެއާޕޯޓުގެ ރަންވޭތަކަށާއި މުއާސަލާތީ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެއާޕޯޓުގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ވީޑިއޯތަކުން އެއާޕޯޓުގެ ޓާމިނަލްތަކުގައި ތިބި މީހުން ބިރުން ދުވާ މަންޒަރު ފެނެއެވެ.
އިޒްރޭލުގެ ފަރާތުން މި ހަމަލާތަކާ ގުޅިގެން ރަސްމީކޮށް ބުނީ، އީރާނުން ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ތެލް އަވީވް އަދި ހައިފާ ފަދަ ސިޓީތަކަށް ފޮނުވާލާފައިވާ ކަމަށެވެ. އިޒްރޭލުގެ ދިފާއީ ބާރުތަކުން ގިނަ މިސައިލްތަކެއް ވައިގެ ތެރޭގައި ގޮއްވާލާފައިވީ ނަމަވެސް، ބައެއް މިސައިލްތައް އެކި ސަރަހައްދުތަކަށް ވެއްޓި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެއާޕޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އިޒްރޭލުން އަދި ހާމައެއް ނުކުރެއެވެ.
މި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުން ދިން އެންމެ ވަރުގަދަ މި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި އިޒްރޭލުން ވެސް ދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. މަސްލަހަތު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ދެ ފަރާތުން ބަދަލުކުރަމުންދާ މި ވަރުގަދަ ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތި ވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.
