އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި، އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

ބަހުރޭނާއި ޖޯޑަން ހިމެނޭހެން ޖީސީސީ ގައުމުތަކުން ހުށަހެޅި މި ގަރާރު ފާސްވީ ސަލާމަތީ މަޖިލީހުގެ 13 ގައުމެއްގެ ވޯޓުންނެވެ. މި ގަރާރުގައި އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވޭތު، ގަތަރު، އޮމާން، ބަހުރޭން އަދި ޖޯޑަންއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވަނީ އަމުރުކޮށްފައެވެ.

މި ގަރާރު ފާސްކުރުމަށް ނެގި ވޯޓުގައި ރަޝިޔާ އާއި ޗައިނާއިން ވަކި ފަރާތަކަށް ވޯޓެއް ނުދެއެވެ. ނަމަވެސް އެއްވެސް ގައުމަކުން ވީޓޯ ބޭނުންކޮށްފައި ނުވާތީ މި ގަރާރު ވަނީ އިންޓަނޭޝަނަލް ގާނޫނުތަކުގެ ދަށުން ބަލައިގަނެފައެވެ. އީރާނުން ގަލްފުގެ ތެޔޮ ވަސީލަތްތަކަށާއި، އެއާޕޯޓުތަކަށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މި ގަރާރުގައި ވަނީ ސިފަކޮށްފައެވެ. މިއީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން އދ. އިން ފާސްކުރި ފުރަތަމަ ގަރާރެވެ.

އީރާނުން މި ގަރާރާ މެދު ނުރުހުން ފާޅުކުރަމުން ބުނީ މިއީ ވަކި ފަރާތަކަށް ޖެހިފައިވާ ނިންމުމެއް ކަމަށެވެ. އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަމީރު ސައީދު އިރަވާނީ ވިދާޅުވީ، މި ގަރާރުގެ ސަބަބުން ހަނގުރާމަ ފެށި އެމެރިކާ އާއި އިޒްރޭލަށް ހިތްވަރު ލިބޭނެ ކަމަށެވެ. އަދި މި ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާއިން ހުށަހެޅި ވަކި ފަރާތަކަށް ނުޖެހޭ ގަރާރު ފާސްވެފައި ނުވާތީ އެކަމާ މެދު އީރާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.