21 ވަނަ ޤަރުނުގައި ދުނިޔެއަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮވިޑް 19 އެވެ. 2021 ވަނަ އަހަރަކީ މި ބައްޔާދެކޮޅަށް މުޅި ދުނިޔެ ކުރާ ހަނގުރާމަ ކާމިޔާބުވާނޭ އަހަރެއް ކަމަށް ގިނަ ބަޔަކު ލަފާކުރިއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ރަޝިއާ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް 697 މީހުން ކޮވިޑް ބަލީގައި މަރުވި ކަމަށް ރިޕޯޓްކޮށްފައެވެ. މިއީ ހުކުރު ދުވަހު މަރުވި 679 މީހުންނަށްވުރެ 18 މީހުން އިތުރު ޢަދަދެކެވެ. ރަޝިޔާގެ ކޮވިޑް ޓާސްކް ފޯހުން ހާމަކުރި ގޮތުގައި، ހޮނިހިރު ދުވަހު އެކަނިވެސް 24،439 ކޭސް ވަނީ ފެނިފައެވެ. ވެރިރަށް މޮސްކޯ އަދި ސޓ. ޕީޓަރސްބަރގް އިން 9000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، ސޓ. ޕީޓަރސްބަރގް ގައި ވަނީ މިހާރު ކުރިއަށްދާ ޔޫރޯ 2020 ގެ ސްޕެއިން އަދި ސްވިޓްޒަރލޭންޑް ބައްދަލުކުރި ކުއާރޓަރ ފައިނަލް މެޗް ހޮނިހިރު ދުވަހު ބާއްވާފައެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަ ކުރާގޮތުގައި، މިހާ ބޮޑަށް ކޮވިޑް ގެ ހާލަތު ގޯސްވެގެން މިދިޔައީ އަލަށް ފެނުނު ޑެލްޓާ ވޭރިއަންޓް ގެ ސަބަބުން ކަމަށް ބެލެވެއެވެ. ފާއިތުވެ ދިޔަ 5 ދުވަހުގެ ހާލަތު ގޯސްވެފައިވާއިރު، ރަޝިއާގައި އިތުރު ލޮކްޑައުން އަކަށް ދެން ނުދާނެ ކަމަށް ބެލެވެއެވެ. ކޮވިޑް 19 އަށް ރަޝިއާއިން ވެކްސިން ކެމްޕޭންތައް ކުރިއަށް ގެންދާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވަނީ ވެކްސިން ކިއުތަކުގަ ތޮއްޖެހިގެން ގިނަ ވަގުތުތައް ހޭދަކުރަން ޖެހިފައިވުމެވެ.