ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ޑިޖިޓަލް ވޮލެޓު 'ސްވައިޕް' އައްޑޫ ސިޓީގެ ވިޔަފާރިތަކުގައި ބޭނުންކުރަން ފަށައި، އެ ސިޓީގެ ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ. ހިތަދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ. ސަތޭކަ ޕަސަންޓު ދިވެހި އުފެއްދުމެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މި ވޮލެޓަކީ، ރާއްޖޭގެ ފިންޓެކް ދާއިރާގައި ހޯދި ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބޭންކުން ސިފަކުރެއެވެ.
މި ވޮލެޓުގެ އެންމެ ހާއްސަ އެއް ފީޗާއަކީ ބަންދު ދުވަހެއްގައިވެސް މުއާމަލާތްތައް ކުރެވުމުން، ވަގުތުން ވިޔަފާރި އެކައުންޓަށް ފައިސާ ޖަމާވުމެވެ. ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވި ގޮތުގައި، ސްވައިޕަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ރަސްމީ ވޮލެޓަށް ވެގެންދާނެއެވެ. އެގޮތުން ޓޫރިސްޓުން ކުރާ މުއާމަލާތްތަކުން ނަގާ ކޮމިޝަން 2.5 ޕަސަންޓުން 1 ޕަސަންޓަށް ވަނީ ކުޑަކުރެވިފައެވެ. އަދި ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެންވެސް މި ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ސްވައިޕް ވޮލެޓުގެ ސަބަބުން ފްރީލާންސަރުންނާއި އޮންލައިން ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. ރާއްޖޭގެ ބޭރުން ޕާސަނަލް ވޮލެޓަށް ފޮނުވާ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތެއް ކަމަށް ބޭންކުން ބުންޏެވެ. މި ވޮލެޓު މެދުވެރިކޮށް ކިއުއާރު ޕޭމަންޓްތައް ހެދުމާއި، ޕޭމަންޓް ލިންކް ހިއްސާކޮށްގެން ފަސޭހަކަމާއެކު ފައިސާ ހޯދުމުގެ ފުރުސަތު މިހާރު ވަނީ އައްޑޫ ސިޓީގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލެވިފައެވެ.
