މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔަނުދީ ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ. ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު ބޮޑުވާ ހާލަތްތަކުގައި އެސްޓީއޯއަށް ލިބޭ ފައިދާ ކުޑަކޮށްގެން ނަމަވެސް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. މިހާރުވެސް ސަރުކާރުން ތެލަށް ބޮޑު ސަބްސިޑީއެއް ދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ތެލުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އެސްޓީއޯގެ ބޯޓެއްގައި ސައުވީސް ހާސް ފަސްސަތޭކަ މެޓްރިކް ޓަނުގެ ތެޔޮ ރައްކާކޮށްފައިވާއިރު، އިތުރު ދެ ބޯޓެއް ތެޔޮ ހިފައިގެން ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން އެއް ބޯޓު ކުރިއަށް އޮތް ފަސް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް ބަނދަރުކުރާނެ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް، ހާއްސަކޮށް ޓޫރިޒަމް ދާއިރާއަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވާފައެވެ. މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓްވެފައި އަންނަ ޓޫރިސްޓުން ގިނަވުމާއެކު، ދަތުރުފަތުރަށް ހުރަސް އެޅުމަކީ އާމްދަނީއަށް އަސަރުކުރާނެ ކަމެކެވެ. ނަމަވެސް، ހޯމްޒް ކަނޑުއޮޅީގައި އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު ސަތޭކަ ޑޮލަރަށް އުފުލުނު ނަމަވެސް، ސަރުކާރުގެ އަމާޒަކީ އެސްޓީއޯ މެދުވެރިކޮށް ތެލުގެ އަގުތައް ހަމަހަމަ މިންގަނޑެއްގައި ހިފެހެއްޓުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
