ދުނިޔޭގެ ނިޞްބަތުން ސާފު ބޯފެން އުފެއްދުމުގައި ތިމާވެށްޓާ ރަށްޓެހި، ޚަރަދު ކުޑަ ނިޒާމްތައް ވަރަށް މަދެވެ. މޫސުމަށް އަންނަ ބަދަލުތަކާ، ކުރި އަރަމުން އަންނަ އާބާދީގެ ނިޞްބަތުން ގިނަ ޤައުމުތަކުގައި ސާފު ބޯފެން އުފައްދާ ބޯފެން ފޯރުކޮށްދޭން ނިޒާމެއް އުފެއްދުމުގެ މަސައްކަތްތައް އަބަދުވެސް ދަނީ ކުރަމުންނެވެ. ދުބާއީގެ "ސޯރސް ގްލޯބަލް" ކުންފުންޏަކީ ވައިގައި ހުންނަ ތެތްކަން ނުވަތަ ހިޔުމިޑިޓީގެ ތެރެއިން ފެން ދަމައިގަނެ، މިނެރަލް ފެނަށް ބަދަލު ކުރާ ނިޒާމެއް އުފެއްދި ފުރަތަމަ ކުންފުންޏެވެ. އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ، ބޯފެން ލިބުން ދަތި ގައުމުތަކާއި އަވަށްތަކަށް، ޚަރަދު ކުޑަ އަދި ފަސޭހައިން ބޯފެން ލިބޭނެ މަގުފަހި ކޮށްދިނުމެވެ.
ސޯރސް ގްލޯބަލް ގެ މި އުފެއްދުމަކީ ތެލުން އުފައްދާ ކަރަންޓު ނުވަތަ ބޮޑެތި އިމާރާތްތަކާއި ޕްލާންޓްތައް ބޭނުންވާ ނިޒާމެއް ނޫނެވެ. މި ނިޒާމް މަސައްކަތްކުރަނީ އިރުގެ ހޫނުން އުފައްދާ ހަކަތައިގެ ޒަރީޢާއިންނެވެ. ސޯލަރ ޕެނަލްތަކުން އުފައްދާ ކަރަންޓު މެދުވެރިކޮށް ފުރަތަމަ ފަންކާއެއް އެނބުރެން ފަށައެވެ. މި ފަންކާގެ މަސައްކަތަކީ މެޝިންގެ އެތެރެއަށް ފަޒާގައި ހުރި ވައި ދަމާލުމެވެ. އެއާއެކު، މެޝިންގެ އެތެރޭގައި އޮންނަ ސްޕަންޖްއަކުން ވައިގެ ތެރެއިން ފެނުގެ އާވިތައް ހިފަހައްޓައެވެ. މެޝިންގެ ތެރޭ އާވިތައް ފިނިވެ، ފެނަށް ބަދަލުވުމާއެކު، ބޯފެނުގައި ހުންނަންޖެހޭ އެކި މިނެރަލްތައް ފެނާ އެއްވެ ސާފު ބޯފެން އުފެދެއެވެ. މި އުފެއްދުމަކީ ޕްލާސްޓިކާ ކުނި ނުއުފައްދާ، ތިމާވެށްޓާ ރަށްޓެހި އުފެއްދުމެކެވެ. ދުނިޔޭގެ އެކި ރިސޯޓްތަކުން މިހާރު ދަނީ މި އުފެއްދުމަށް ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. ފާހަގަކޮށްލެވެނީ، މި ނިޒާމުން ތައްޔާރުކުރާ ބޯފެނަކީ ހޫނުގަދަ ގައުމުތަކާއި ސަހަރާތަކުގައިވެސ އުފެއްދޭ ފެނަކަށްވުމާއެކު، ބާޒާރުގައި ޕްލާސްޓިކް ފުޅީގައި ހުންނަ ފެނާއި މި ފެނުގެ އަގު އެއްވަރުކަމެވެ.
