އާމިނަތު ޝަޢީރާ (ޝައީ) އަކީ ރާއްޖޭގެ މާލީ ދާއިރާއާއި ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ، ހިތްވަރާއި އަޒުމުގެ ލާމަސީލު ނަމޫނާއެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ދައުލަތުގެ ޔަގީން ވަޒީފާއެއްގައި ހުރެފައި، އެ ވަޒީފާ ދޫކޮށް އަމިއްލަ ވިޔަފާރިއެއްގެ ތެރެއަށް ވަނުމަކީ ވަރަށް ބޮޑު ރިސްކެކެވެ. ނަމަވެސް، ޝައީ ވަނީ އެ ރިސްކު ނަގައި، އަމިއްލަ މަސައްކަތުން ކާމިޔާބީގެ އާ އުސްމިންތަކަކަށް ވާސިލްވެ، އެހެން ކަނބަލުންނަށްވެސް އާ ހިތްވަރެއް ދީފައެވެ.

ޝައީގެ ފަންނީ ދަތުރުގެ ފެށުން އައީ ވަރަށް ވަރުގަދަ ތައުލީމީ ބިންގަލަކާއެކުގައެވެ. އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން އޮސްއެއިޑް ސްކޮލާޝިޕެއްގައި ބެޗްލާސް ޑިގްރީ ފުރިހަމަކުރުމަށްފަހު، 2012 ވަނަ އަހަރު އޭނާ ރާއްޖޭގެ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅުނެވެ. އެ އިދާރާގައި އޭނާ ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމާއި، އޭއެމްއެލް/ސީއެފްޓީ ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމުގެ އިތުރުން އިންޓާނަލް އޮޑިޓްގެ އެސިސްޓަންޓް މެނޭޖަރުކަން ވެސް ކޮށްފައެވެ. ޝައީ ގަބޫލުކުރާ ގޮތުގައި މިއީ އޭނާގެ ކެރިއަރުގެ މިސްރާބު ކަނޑައަޅައިދިން، އަދި އެކަމަށްޓަކައި އޭނާ އަބަދުވެސް ޝުކުރުވެރިވާ މުހިންމު ތަޖުރިބާތަކެކެވެ.

އެމްއެމްއޭގައި މަސައްކަތްކުރި ދުވަސްވަރު ޝައީގެ ތައުލީމީ ދަތުރު ހުއްޓައެއް ނުލައެވެ. އޭނާ ވަނީ ސާރޓިފައިޑް ޕްރެކްޓިސިންގް އެކައުންޓެންޓްސް (ސީޕީއޭ) އޮސްޓްރޭލިއާގެ ސެޓްފިކެޓް ހާސިލްކޮށް، އިނގިރޭސިވިލާތުގެ އިންސްޓިޓިއުޓް އޮފް ރިސްކް މެނޭޖްމަންޓުން އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓުގެ ސެޓްފިކެޓެއް ވެސް ހޯދާފައެވެ. ދައުލަތުގެ ވަޒީފާއަށް ގަދަރުކުރި ނަމަވެސް، ޝައިގެ ހިތުގައި އަބަދުވެސް އޮތީ އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ބޮޑު ހުވަފެނެކެވެ.

އެ ހުވަފެނުގައި ކުލަޖެހެން ފެށީ 2018 ވަނަ އަހަރު އޭނާގެ ފިރިމީހާއާއެކު "އެޗީވިއާ ކޮންސަލްޓަންސީ" އުފެއްދި ހިސާބުންނެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ އެހެން ވިޔަފާރިތަކަށް ބޭނުންވާ ބިޒްނަސް ޕްލޭނިންގ، އެކައުންޓިން، މާކެޓިން، ރިސްކް މެނޭޖްމަންޓް ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

"އަހަރެމެންގެ އަމާޒަކީ ވިޔަފާރިވެރިންނަށް އެ މީހުންގެ އަސްލު މަސައްކަތަށް ސަމާލުކަންދީ، އެހެނިހެން ކަންކަން އެކަމެއްގެ ޕްރޮފެޝަނަލް މާހިރުންނާ ހަވާލުކުރެވޭނެ މަގެއް ތަނަވަސްކޮށްދިނުން،" ޝައީ ބުންޏެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި 2022 ވަނަ އަހަރު އޭނާ ވަނީ ފުލްޓައިމް ވަޒީފާ އެއްކޮށް ދޫކޮށް، ވިޔަފާރިއަށް ހުސްވެފައެވެ.

އަމިއްލަ މަސައްކަތަށް ނުކުތުމާއެކު، ޝައީއަށް އާ ދޮރުތަކެއް ހުޅުވިގެންދިޔައެވެ. ރާއްޖޭގެ ފުރަތަމަ އިންވެސްޓްމަންޓް އެޑްވައިޒަރީ ފާމް ކަމަށްވާ "ވޯޓަކްރެސް ކެޕިޓަލް" ގެ ހިއްސާއެއް ލިބި، އެ ކުންފުނީގެ ޑިރެކްޓާ އޮފް ރިސްކް އެންޑް ސްޓްރެޓެޖީގެ މަގާމާ އޭނާ ހަވާލުވިއެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު ސޮލަރެލް އިންޝުއަރެންސްގެ އިންޑިޕެންޑެންޓް ޑިރެކްޓަރެއްގެ ގޮތުގައާއި އޮޑިޓް ކޮމިޓީގެ ޗެއާގެ ގޮތުގައި ވެސް ވަނީ މަސައްކަތް ފަށާފައެވެ. މިއީ މާލީ ދާއިރާގައި އޭނާގެ ހުރި ގާބިލުކަން ސާބިތުކޮށްދޭ ކަންކަމެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ރިސްކް މެނޭޖްމަންޓުގެ މާހިރެއްގެ ގޮތުން ޝަޢީ ދެކޭ ގޮތުގައި އެ ދާއިރާއަކީ ކޮންމެ ވިޔަފާރިއަކަށް ވެސް މުހިންމު ދާއިރާއެކެވެ.

"ރިސްކް މެނޭޖްމަންޓުގެ ސަބަބުން މުސްތަގުބަލާ މެދު ވިސްނައި، ދިމާވެދާނެ މައްސަލަތައް ކުރިން އަންދާޒާކޮށް އެކަންކަމަށް ތައްޔާރުވުމަށް މަޖުބޫރުކުރުވޭ. މި ވިސްނުމުގެ ސަބަބުން ވިޔަފާރިތައް ވާދަވެރިންނަށް ވުރެ އެއް ފިޔަވަޅު ކުރީގައި އޮންނާނެ،" ޝައީ ބުންޏެވެ.

. އަދި ރިސްކަކީ އަބަދު ގޯސް އެއްޗެއް ނޫން ކަމަށާއި، ރަނގަޅަށް ބޭނުން ހިފައިފިނަމަ އެއީ ލިބޭ ފުރުސަތަކަށް ވެސް ވެދާނެކަން އޭނާ ފާހަގަކުރިއެވެ.

ވިޔަފާރީގެ ލީޑަރެއްގެ ގޮތުގައި ޝަޢީ އެންމެ ބޮޑަށް އިސްކަންދެނީ އަހުލާގާއި ތެދުވެރިކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކިތަންމެ ބޮޑު ކާމިޔާބީއެއް ލިބުނަސް އެއީ އުސޫލުތަކާ ހިލާފަށް ހޯދާ އެއްޗެއްނަމަ އެއީ ހަގީގީ ކާމިޔާބީއެއް ނޫނެވެ.

"ގިނަ ފަހަރަށް ކާމިޔާބީ ހޯދުމަށްޓަކައި ތެދުވެރިކަމާއި ނަޒާހަތްތެރިކަން ދޫކޮށްލެވޭތަން ފެނޭ. ނަމަވެސް އަހަރެން ދެކޭ ގޮތުގައި ރިވެތި އުސޫލުތައް ދޫކޮށް ހޯދާ ކާމިޔާބީއަކީ ހަގީގަތުގައި ދެމެހެއްޓެނިވި ކާމިޔާބީއެއް ނޫން. އަހަންނަށް ވިޔަފާރިއަކީ އަހަރެން ދިރިއުޅޭ ގޮތް. ވިޔަފާރީގެ ނަމުގައި އަހަރެންގެ އުސޫލުތަކާ ހިލާފު އެއްވެސް ކަމެއް އަހަރެން ނުކުރާނަން،" ވަރަށް ސާބިތުކަމާއެކު ޝައީ ބުންޏެވެ.

އަމިއްލަ ވިޔަފާރީގައި ފިރިމީހާއާ އެކު މަސައްކަތްކުރުމަކީ ޝައީގެ ހަޔާތުގައި ނިންމި އެންމެ ރަނގަޅު ނިންމުމެވެ. ކޯޕަރޭޓް ދުނިޔޭގައި އާންމުކޮށް އެހެން މީހުން އުނިކަންކަން ބުނެދީ ނުހެދި ނަމަވެސް، ފިރިމީހާއާއެކު މަސައްކަތްކުރުމުން އެކަން ބަދަލުވެއެވެ.

"އެއީ ހަމަ ލޯގަނޑެއް ބެލުން ކަހަލަ ކަމެއް. ބައިވެރިޔާއާއެކު މަސައްކަތްކުރާއިރު، ވަރަށް ތެދުވެރިކަމާއެކު ކަންކަން ހިއްސާކުރެވޭނެ. ފިރިމީހާ އަހަންނަށް ރަނގަޅުކޮށްލެވިދާނެ ކަންކަން ބުނެދޭނެ، އަދި އަހަރެން ވެސް އޭނާއަށް އެގޮތަށް ކަންތައް ކުރަން. އެއީ ކިތަންމެ އުނދަގޫ ވާހަކަ އަކަސް. ހިތުގައި އޮންނަ އެއްޗެއް ނުބުނެ ހުރުމަކީ އަހަރެމެން ގަބޫލުކުރާ ގޮތެއް ނޫން،" އުފާވެރިކަމާއެކު ޝައީ ކިޔައިދިނެވެ.

އާއިލާއާއި ކެރިއަރާ ދެމެދު އަންހެނުންނަށް ހިޔާރުކުރަންޖެހޭ ކަމަށް ގަބޫލުކުރާ މީހުންނަށް ޝައީ ދެނީ ވަރަށް ވަރުގަދަ މެސެޖެކެވެ.

"ލިބުނު ކާމިޔާބީ އެއް ލިބުނީ އާއިލީ ޒިންމާ އެއްފަރާތްކޮށްގެންނެއް ނޫން. އެ ކާމިޔާބީ އައީ އަހަރެންގެ އާއިލާގެ ސަބަބުން. އެއީ، އާއިލާއަށް ޚިދުމަތް ކުރުމުގައި ހިތްވަރާއިއެކު މަސައްކަތްކޮށް، ލިބިފައިވާ ތަމްރީނާއި ހުނަރުތައް ބޭނުންކުރުމުން މިންވަރު ކުރެއްވި ކާމިޔާބީ. އާއިލާއަށް އިސްކަންދިނުމުގެ މާނައަކީ ކުރިއަށްދާން އޮތް އުންމީދުތައް ކުޑަކޮށްލުމެއް ނޫން. އޭގެ މާނައަކީ ދިރިއުޅުން ވަރަށް ފަރުވާތެރިކަމާއެކު ރޭވުން." މިއީ އެތައް އަންހެނުންނަކަށް އޭނާ ދޭ ފުރިހަމަ ފިލާވަޅެކެވެ.

ބިޒްނަސް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މާލީ އެހީތެރިކަން ހޯދުން ކަމަށް ޝައީ ފާހަގަކުރެއެވެ. ބޭންކުތަކުން ލޯނު ހޯދުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ގިނަވުމާއި، ކުދި ވިޔަފާރިތަކަށް ކެޕިޓަލް މާކެޓަށް ވަނުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ވޯޓަކްރެސް މެދުވެރިކޮށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޒުވާން އަންހެނުންނަށް ޝައީ ދޭން ބޭނުންވާ އެންމެ ބޮޑު ނަސޭހަތަކީ މާލީ ކަންކަމާ ގުޅޭގޮތުން މާލީ މާހިރުންނާ ވާހަކަދައްކައި، ފައިސާ މެނޭޖްކުރަން ދަސްކުރުމެވެ. އޭނާ އިރުޝާދު ދެނީ ފައިސާ ހަމައެކަނި ރައްކާކުރުމުގެ ބަދަލުގައި އިންވެސްޓްކުރުމަށެވެ.

"ފައިސާ ހަމައެކަނި ރައްކާކޮށްގެންނެއް އަހަރެމެންނަކަށް މާލީ މިނިވަންކަމެއް ނުހޯދޭނެ. ތަނަވަސް މާލީ މިނިވަންކަމެއް ހާސިލްކުރެވޭނީ އިންވެސްޓްކޮށްގެން. ހަގީގީ މާލީ މިނިވަންކަން ބޭނުންނަމަ، ދިރިއުޅެން ކުރާ މަސައްކަތުން ލިބޭ އާމްދަނީގެ އިތުރުން، އެކި އެސެޓްތަކަށް އަދި ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓްތަކުން، ނިދާފައި އޮންނައިރު ވެސް އާމްދަނީ ލިބޭނެ މަގުތައް ހުންނަންވާނެ،" ޝައީ ނަސޭހަތްތެރިވިއެވެ.

އަދި ގޭބިސީގެ މާލީ ކަންކަން ގިނަފަހަރު ފިރިމީހާ ބެލެހެއްޓި ނަމަވެސް، އެއީ އަންހެނުން މާލީ ކަންކަމަށް ލޯނުހުޅުވި ތިބުމަށް އޮތް އުޒުރެއް ނޫންކަން އޭނާ ފާހަގަކުރިއެވެ. ގޭތެރޭގެ ބޮޑެތި ހަރަދުތަކާއި ނިންމުންތައް ނިންމަނީ އަންހެނުން ކަމަށްވާއިރު، އެ ނިންމުންތަކުގެ ސަބަބުން މުޅި މާލީ ހާލަތަށް ކުރާ އަސަރު ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ޝައީ ހަނދާންކޮށްދިނެވެ.

ޝައީގެ އެންމެ ފަހު މެސެޖަކީ އަމިއްލަ ނަފްސަށް އިތުބާރުކުރުމެވެ.

"ތިމާގެ ހުވަފެންތަކަކީ ވަރަށް މުހިންމު އެއްޗެއް. ކަމެއް ނުވާނެހެން ހީވި ނަމަވެސް، ކޮންމެ ކަމަކަށް ވެސް ހައްލެއް ހޯދިދާނެކަން ހަނދާންކުރާށެވެ. ޔަގީންކަން އޮވެގެން ކުރިއަށްދާށެވެ. ކާމިޔާބުވުމުގެ ފުރުސަތު އަމިއްލަ ނަފްސަށް ދޭށެވެ،" އޭނާ ބުންޏެވެ.

އަމިއްލަ ވިޔަފާރިއެއް ހިންގުމުން މަސައްކަތާއި ދިރިއުޅުމުގެ އެ ހަމަޖެހުން އޭނާއަށް ލިބިފައިވާއިރު، ޝައީގެ މި ދަތުރަކީ ކޮންމެ ޒުވާނަކަށްމެ، ވަކިން ހާއްސަކޮށް ކޮންމެ އަންހެން ކުއްޖަކަށްމެ ހުރި އުންމީދުން ފުރިގެންވާ އަލިގަދަ ދަންމަރެކެވެ.