ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އެ ރަށު މުހައްމަދު އިގްބާލް، ހެޔޮހާލުގައި ހުއްޓާ މިއަދު ހެނދުނު ފެނިއްޖެއެވެ. އޭނާ ގެއްލިގެން ފުލުހުން ރޭގެ ވަގުތެއްގައި އިއުލާނުކޮށްފައިވާއިރު، އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 6:53 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އޮފީހުން ބުނީ އިގްބާލް ފެނުނީ އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓުމުގެ ސަބަބުން ރ. އަލިފުށި ކައިރީގައި އޮންނަ ބޮއެއްގައި ޑިންގީ އައްސައިގެން އޮއްވައި ކަމަށެވެ. އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ވާދޫން ނުކުތް ބަޔަކަށެވެ.

މި ހާދިސާއާ ގުޅިގެން އިގްބާލް ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ފުލުހުން ވަނީ އެކި ގޮތްގޮތުން މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.