ދިވެހި ފިލްމީ ދާއިރާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލް ނިޔާވުމާ ގުޅިގެން، އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ ދަރާ، މުހައްމަދު ރަޝީދު ފުން ހިތާމައެއްގައު އުޅެމުން އަންނަކަން ހާމަކޮށްފިއެވެ. ނިމާލް ނިޔާވެފައިވަނީ ސްޓްރޯކަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އުމުރުން 62 އަހަރުގައެވެ.
ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި ނިމާލް ވަކިވެދިޔުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް ބުނެ، ދަރާ ރަޝީދު ވަނީ ސޯޝަލް މީޑިއާގައި އަސަރުގަދަ މެސެޖެއް އާންމުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިއީ ހަމައެކަނި ފިލްމީ ދާއިރާއަށް ލިބުނު ގެއްލުމެއް ނޫނެވެ. މިއީ އޭނާގެ ކުޑައިރުގެ އެކުވެރިޔާ އަދި އެއްބަނޑުއެއްބަފާ ބޭބެ ފަދަ މީހެއްގެ ވަކިވުމެވެ.
"އަހަރެމެން ބޮޑުވީ އެއް ހުވަފެންތަކަކާއެކު. މި ދާއިރާއަށް ނުކުތީވެސް އެކީގައި. ވަރަށް ބުރަކޮށް މަސައްކަތްކޮށް، ގިނަ ދަތުރުތަކެއް ކޮށް، އުފަލާއި ހިތާމަ އެކީގައި ހިއްސާކުރިން،" ދަރާ ރަޝީދު ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ކޮންމެ ހާލަތެއްގައިވެސް ނިމާލަކީ އޯގާތެރި އަދި އެހީތެރިވާން ތައްޔާރަށް ހުންނަ ރަނގަޅު އެކުވެރިއެކެވެ.
ނިމާލާއެކު ހޭދަކުރި އުފާވެރި ދުވަސްތަކުގެ ހަނދާންތައް އަބަދުވެސް ހިތުގައި ބިންވަޅު ނެގިފައިވާނެ ކަމަށް ދަރާ ރަޝީދު ބުންޏެވެ. އޭނާ ވަނީ ނިމާލްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އިތުބާރަށް ޝުކުރު އަދާކޮށްފައެވެ. އަދި ނިމާލްގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާކޮށްފައެވެ.
ނިމާލަށް ސްޓްރޯކެއް ޖެހިގެން އެންމެ ފުރަތަމަ ފަރުވާދޭން ފެށީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އޭގެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދީފައިވާއިރު، އައިޖީއެމްއެޗުން ބުނީ ނިމާލް ނިޔާވީ ފެބުރުއަރީ 26 ވަނަ ދުވަހު ހެނދުނު 6:50 ހާއިރު ކަމަށެވެ.
ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ނިމާލަކީ އެކްޓަރެއްގެ އިތުރުން މޮޅު ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ. އޭނާ ޑައިރެކްޓުކުރި ފިލްމުތަކުގެ ތެރޭގައި 'ޒަލްޒަލާ'، 'ވާލޯބި އެނގޭނަމަ' އަދި 'ހަލާސް' ފަދަ އާންމުންގެ މަގުބޫލުކަން ހޯދި ފިލްމުތައް ހިމެނެއެވެ.
'ވީރާނާ'، 'ނިއުމާ'، އަދި 'މިހަށިން ފުރާނަ ދާންދެން' ފަދަ ފިލްމުތަކުން އޭނާގެ މޮޅު އެކްޓިން ފެނިގެންދިޔައިރު، ބެލުންތެރިންގެ މެދުގައި އޭނާ އެންމެ ބޮޑަށް ފާހަގަވެފައިވަނީ ބައްޕައެއްގެ ރޯލުންނެވެ. ނިމާލް އެންމެ ފަހުން ފެނިގެންދިޔައީ 2023 ވަނަ އަހަރު ނެރުނު ފިލްމު 'ލޯބިވެވިއްޖެ' އިންނެވެ. ނިމާލްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މުހައްމަދު ޖުމައްޔިލްއަކީވެސް ފިލްމީ ދާއިރާގެ އާންމުންގެ ލޯބި ހޯދާފައިވާ މަގުބޫލު އެކްޓަރެކެވެ.
