އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހުގެ އަށާވީސް ވަނަ ދުވަހު ފެށި ހަނގުރާމައަށް ފަހު، އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގައި އިސްރާއީލުން 2975 މީހަކު ޒަހަމްވެއްޖެ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ ތެރޭގައި އާންމުންނާއި އަސްކަރީ މީހުން ވެސް ހިމެނެއެވެ. މިއީ އީރާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާތަކުގައި ލިބުނު އަނިޔާތަކެވެ.
ފަހަކަށް އައިސް އީރާނުން ދެމުންދާ މިސައިލް ހަމަލާތައް ވަރުގަދަ ކުރުމާ ގުޅިގެން، ޒަހަމްވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބާރަށް މައްޗަށް ދަމުންނެވެ. މިގޮތުން މި މަހުގެ ދިހަ ވަނަ ދުވަހު މި އަދަދު އުޅުނީ 2339 ގައެވެ. ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ މީހުންގެ ތެރޭގައި ހާލު ސީރިއަސް މީހުންނާއި އާދައިގެ ވަރަކަށް ޒަހަމްވި މީހުން ހިމެނޭއިރު، އިސްރާއީލުން ވަނީ ބާރަ ވަރަކަށް މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައެވެ.
މި ހަނގުރާމައިގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުން ވެސް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެއްހާސް ދުއިސައްތައަށްވުރެ ގިނަ މީހުން މަރުވެ، ދިހަ ހާހަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަނގުރާމަ އޭގެ ދެވަނަ ހަފުތާއަށް ގޮސްފައިވާއިރު، އެއްވެސް ފަރާތަކުން ހަމަލާތައް މަޑުޖައްސާލާނެ ކަމުގެ ނިޝާނެއް އަދި ނުފެނެއެވެ.
