އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ފޯނުން ގުޅުއްވައި، މިހާރު ހިނގަމުންދާ ހަނގުރާމައާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. އީރާނުގެ ރަސްމީ ނޫސް އޭޖެންސީ ކަމަށްވާ އައިއާރުއެންއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ބޭފުޅުން ވަނީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މި ފޯނު ކޯލުގައި އަރަގްޗީ ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ ގާއިމުކުރުމުގައި، ދެ ގައުމުވެސް ހިމެނޭ ޖަމިއްޔާ ކަމަށްވާ ބްރިކްސްގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރުމަށް ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުއައްސަސާތަކަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި މަޝްވަރާތަކުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރަހައްދުގައި ދާއިމީ ސުލްހައާއި ސަލާމަތްތެރިކަން ގާއިމުކުރެވޭނެ މަގުތަކެއް ހޯދުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.