ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި، އެމެރިކާ ސިފައިންގެ ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން ސިއްރުކޮށްފައިވާކަން ފަޅާއަރައިފިއެވެ. މި ހަނގުރާމަ ފެށުނުކޮޅު ދިން މި ހަމަލާގައި އެމެރިކާގެ ގައުމީ ގާޑުގެ ހަތް މީހަކު މަރުވެފައިވާކަން ކުރިން ހާމަކުރި ނަމަވެސް، އިތުރު ސަތޭކަ ފަންސާހަކަށް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން މިހާރު ވަނީ ހާމަވެފައެވެ.

ވޮޝިންޓަން ޑީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޒަހަމްވި ސިފައިންނަށް ފަރުވާ ދިނުމަށްޓަކައި އެމެރިކާގެ ދެ ހޮސްޕިޓަލަކަށާއި ޖަރުމަނުގެ ލޭންޑްސްޓޫލްގައި ހުންނަ އަސްކަރީ ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފައެވެ. ޖަރުމަނަށް ގެންދިޔަ ބައެއް ސިފައިންނަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ގުނަވަނެއް ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ހަނގުރާމައަށް ގާތްގަނޑަކަށް ދެ ހަފުތާ ވެފައިވާއިރު، ކުވައިތުގައި ހިނގި މި ހާދިސާގައި މިހާ ގިނަ އަދަދެއްގެ ސިފައިންނަށް އަނިޔާވިކަން އެމެރިކާގެ އަސްކަރިއްޔާއިން މީގެ ކުރިން ހާމަކޮށްފައިނުވާތީ، ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މިހާ ބޮޑު ގެއްލުމެއް ލިބުނުކަން ސިއްރުކޮށްފައި އޮތުމަކީ ހަގީގަތް ފޮރުވަން މަސައްކަތްކުރާ ކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.