އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ކޮންސްޕިރަސީ ތިއަރީތަކެއްގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ބޮޑު ބަހުސެއް ފެށިއްޖެއެވެ. އީރާނުން ނަތަންޔާހޫގެ އޮފީހަށް ދިން ހަމަލާތަކުގައި އޭނާ މަރުވިކަމަށް ބުނާ މީހުން ބުނަނީ މިއީ އޭނާ މަރުވުމަށްފަހު އިޒްރޭލުން ހެދި ފޭކް ވީޑިއޯއެއްކަން ހާމަވާ ހެއްކެތްކަމަށެވެ.
މި ވާހަކަތައް ބޮޑަށް ފެތުރެން ފެށީ ޓީވީން ދެއްކި ވީޑިއޯ ކްލިޕެއްގައި ނަތަންޔާހޫ އަތް އުފުލާލާއިރު، އޭނާގެ އަތުގައި ހަ އިނގިލި ހުރި ކަމަށް ދައްކާ މަންޒަރަކާ ގުޅިގެންނެވެ. މިއީ އޭނާ މަރުވުމުން ބޭނުންކޮށްފައިވާ "ޑީޕްފޭކް" ނުވަތަ އޭއައި ވީޑިއޯއެއް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ނަމަވެސް، މި ބަހުސްގައި ދެކޮޅު ހަދާމީހުން, ވީޑިއޯގެ ފްރޭމް-ބައި-ފްރޭމް އެނަލިސިސްތަކުން ދައްކާ ގޮތުގައި، ހަ އިނގިލި ހުރި ކަމަށް ފެންނަ ފެނުމަކީ ވީޑިއޯގެ ކޮލިޓީ ދަށްވުމުގެ ސަބަބުން ނުވަތަ އަލި ހުރިގޮތުން އުފެދިފައިވާ "ކޮމްޕްރެޝަން އާޓިފެކްޓެއް" ނުވަތަ ލޮލަށް ފެނުނު ކުށް ހީއެކެވެ. މިއީ ދަށް ރިޒޮލިއުޝަންގެ ބްރޯޑްކާސްޓްތަކުގައި އާންމުކޮށް ދިމާވާ ޓެކްނިކަލް މައްސަލައެއް ކަމަށާއި، މިއީ އެ ވީޑިއޯއަކީ ފޭކު އެއްޗެއްކަން ސާބިތުކޮށްދޭ ހެއްކެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ނަތަންޔާހޫ މަރުވި ކަމަށް ބުނެ ފެތުރޭ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން "ސްނޯޕްސް" އަދި "ޖެރޫސަލަމް ޕޯސްޓް" ފަދަ އިދާރާތަކުން އަންނަނީ ބުނަމުންނެވެ. މި ޚަބަރުތައް އެންމެ ފުރަތަމަ ފެތުރިގެން އައީ އީރާނުން ދިން މިސައިލް ހަމަލާއެއްގައި ނަތަންޔާހޫ މަރުވި ކަމަށް ބުނެ އީރާނުގެ ބައެއް މީޑިއާތަކުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. ނަމަވެސް މާރިޗު 13، އާ ހަމައަށް އޭނާ މަރުވި ކަމުގެ އެއްވެސް އިތުބާރު ހުރި ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
