127 ރެފިއުޖީންނާއި އެކު ދަތުރުކުރި ކަނޑު ބޯޓެއް،ޓިއުނީސިއާގެ ކަނޑުގެ ހިސާބަކަށް ފެތިއްޖެއެވެ. އަދި އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 43 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ތޫނިސްގެ ރަށެއް ކަމަށްވާ ޒަރްޒީސްގެ އައްސޭރިއާ މާ ދުރު ނޫން ހިސާބަކަށް އެ ބޯޓު ފެތުނު ހަބަރު ލިބުމާ ގުޅިގެން، އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ކުރި މަސައްކަތުން، 84 މީހަކު ވަނީ ސަލާމަތް ކުރެވިފަ އެވެ. 

އެ ބޯޓުން ތޫނިސްގެ ކަނޑުގެ ސިފައިންގެ މަނަވަރަކަށް ނެގި ރެފިއުޖީންގެ ތެރޭގައި، ބަނގްލަދޭޝް، ޗާޑް، މިސްރު، އެރިޓްރިއާ އަދި ސޫދާންގެ މީހުން ހިމެނޭ ކަމަށް، ތޫނިސްގެ ދިފާއީ ވުޒާރާ އިން ބުނެ އެވެ. މި ހާދިސާގައި ސަލާމަތް ކުރެވުނު މީހުންގެ ތެރޭގައި އުމުރުން 3 އަހަރުން ދަށުގެ ކުދިންވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ތޫނިސްގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބޯޓު، އެ މީހުންނާއިގެން ފުރީ ލީބިޔާގެ ހުޅަނގުއުތުރު ރަށެއް ކަމަށްވާ ޒުވާރާ އިންނެވެ.

އެކި ގައުމުތަކުން ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް ހިޖްރަކުރާ މީހުން އެންމެ ގިނައިން ޔޫރަޕަށް އެތެރެ ވަނީ، އެފްރިކާގެ ކޮންމެވެސް ގައުމަކުން ފުރައިގެން އިޓަލީ އަށް އެތެރެވުމަށް ފަހު އެވެ. ބައެއް ތަފާސްހިސާބުތައް ބުނާ ގޮތުން، 2014 ވަނަ އަހަރަށް ފަހުން، އެފްރިކާގެ އެކި ގައުމުތަކުން ފުރައިގެން މެޑްޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖްރަކުރަން އުޅުނު މީހުންގެ ތެރެއިން، މިހާތަނަށް 20 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހަމައެކަނި މި އަހަރު ވެސް، މިފަދަ 866 މީހަކު ކަނޑުވެގެން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.