ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ރާއްޖޭގެ ރަށްތައް ޒީނަތްތެރިކުރުމަށް ހިންގާ "އީދު އަލި" ހަރަކާތް، ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވައިފިއެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މި ނިންމުމަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. މީގެ ކުރިން 60 އަށްވުރެ ގިނަ ރަށްރަށުގައި މި ހަރަކާތް ކުރިއަށް ގެންދިޔަ ނަމަވެސް، މިފަހަރު ބޮކިފަތިތަކުން ދިއްލާލާނީ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫ ސިޓީގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް އެކަންޏެވެ.
ސަރުކާރުގެ މި ނިންމުމާއެކު އަތޮޅުތަކުގެ ރަށްރަށުގައި ސަރުކާރުގެ ޚަރަދުގައި ބޮކިފަތި ހަރުނުކުރާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. "އީދު އަލި" ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ފެއްޓެވި، އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މުޅި ރާއްޖެއަށް ފުޅާކުރެއްވި ހަރަކާތެކެވެ. ނަމަވެސް ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި، މިފަހަރުގެ އީދުގައި މި ހަރަކާތް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.
އީދު ދިއްލުންތައް މަދުކުރި ނަމަވެސް، ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ "އީދު ހަވީރު" ހަރަކާތްތައް މިއަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއަހަރުގެ އީދު ހަވީރުގައި ވެސް ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ތަފާތު ތީމުތަކަށް ސްޓޯލްތައް ތައްޔާރުކޮށް، ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. މިކަމުގެ މަގުސަދަކީ ޚަރަދުތައް ކުޑަކުރާ ދަނޑިވަޅެއްގައި ވެސް، އީދުގެ އުފާވެރިކަން ކުޑަކުދިންނަށް ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.
