ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ. ބާސެލޯ ނަސަންދުރާގައި އެ ރޭ 21:00 ގައި ބާއްވާ މި ޖަލްސާ ކުރިއަށް ގެންދާނީ ހައިބްރިޑް މޮޑެލްއަށެވެ. އެގޮތުން ހިއްސާދާރުންނަށް ޖަލްސާ އޮންނަ މާލަމަށް ހާޒިރުވެގެން ނުވަތަ "ފަހިވޯޓް" އޮންލައިން ސިސްޓަމް މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ބޭންކުން ބުނެއެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކަށް "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް އެ ފުރުސަތު އޮންނާނެއެވެ.

މިދިޔަ އަހަރު ބޭންކަށް ލިބުނު ބޮޑު މާލީ ކުރިއެރުމާ ގުޅިގެން، ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 60 ރުފިޔާ ދިނުމަށް ބޯޑުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ބޯނަސް ހިއްސާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް އިތުރު ދެ ހިއްސާ ދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ. މި ނިންމުންތައް ފާސްކުރާނީ އަހަރީ އާންމު ޖަލްސާގައެވެ. ބޯނަސް ހިއްސާއާއެކު މިއަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2091.80 ރުފިޔާގެ ނަފާއެއް ލިބިގެންދާނެ ކަމަށް ބޭންކުން ލަފާކުރެއެވެ.