މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުތަކެއް ކުރަން ފަށައިފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އުދުހުންތައް ބާއްވާ ބޮޑެތި ބައެއް އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެފައެވެ. މީގެ ސަބަބުން މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.
މި ހިނގާ މާޗް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 58،906 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 77،100 ޓޫރިސްޓުންނާ އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ. ބައިނަލްއަގުވާމީ މަސްރަހަށް އައި މި ބަދަލާއެކު، ރާއްޖޭގެ އެންމެ މުހިންމު ސިނާއަތަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.
ކަން މިހެން އޮތް ނަމަވެސް، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ އަދަދު އަދިވެސް އުޅެނީ މިދިޔަ އަހަރަށްވުރެ މަތީގައެވެ. އެގޮތުން މާޗް 13 ގެ ނިޔަލަށް ޖުމްލަ 540،674 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 509،953 ޓޫރިސްޓުންނެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން މީހުން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ، އިޓަލީ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އިންޑިއާ ހިމެނެއެވެ.
