މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ބުރޫއަރާފައިވީ ނަމަވެސް، އަންނަ އޭޕްރީލް މަހުގެ ފަހަށް ބުކިންތައް އިތުރުވަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ހާލަތާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވަނީ މާޗް އަދި އޭޕްރީލް މަހުގެ ބުކިންތައް ކެންސަލްވަމުންދާ ކަމަށެވެ. ނަމަވެސް އޭގެ ފަހުގެ މަސްތަކަށް ހުރި ބުކިންތަކަށް ބަލާއިރު، ޓޫރިޒަމް އާލާވެ ކުރިއަރާނެ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަނގުރާމަ ފެށުމާއެކު މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުވުމުގެ ސަބަބުން، ރާއްޖެއަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ 30 ޕަސަންޓު އަންނަ މަގު ވަނީ ބަންދުވެފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ ދުވާލަކު ގާތްގަނޑަކަށް 3،000 އެއްހައި ޓޫރިސްޓުންނެވެ. މި ދަށްވުން ފޫބެއްދުމަށްޓަކައި ބައެއް ގައުމުތަކުގެ އެމްބަސީތަކާއެކު މަޝްވަރާކޮށް، ބުކިން ކެންސަލޭޝަންތައް މަދުކުރުމަށް ސަރުކާރުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އަންނަ މަހުގެ ކުރީކޮޅުން ފެށިގެން އިންޑިއާ، ޗައިނާ އަދި ރަޝިއާ މާކެޓަށް އަމާޒުކޮށްގެން ވަރުގަދަ މާކެޓިން ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ބޮޑެތި މާކެޓްތަކަށް އިސްކަންދީގެން ހިންގާ މި ޕްރޮމޯޝަނަލް ހަރަކާތްތަކާއެކު، ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށެވެ.
