އިސްތަށިގަނޑަކީ ކޮންމެ އަންހެނަކުވެސް ވަރަށް ލޯބިން ގެންގުޅޭ އެއްޗެކެވެ. ވަރަށް ފަރުވާތެރިކަމާއި އެކު އިސްތަށިގަނޑަށް އަޅާލާ މީހުން ވަރަށްވެސް ގިނައެވެ. އެގޮތުން ދުޅަހެޔޮ އަދި ރީތި އިސްތަށިގަނޑެއް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށް މިިލިއުމުގައި ބަލައިލާނަމެވެ.

އިސްތަށިގަނޑު ގަވައިދުން ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން ދެންނެވިއަސް ހިކި އަދި ތެޔޮކަން ހުންނަ އިސްތަށިގަނޑެއް އޮންނަ ނަމަ ދޮންނަ މުއްދަތު ތަފާތުވާނެއެވެ. އެހެންނަމަވެސް މަދުވެގެން ހަފްތާއަކު އެއްފަހަރު އިސްތަށިގަނޑު ޝޭޕްމޫ ލައިގެން، ދޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން އިސްތަށިގަނޑުގެ ތެރޭގައި ހަރުލާފައި ހުންނަ މައިކުރޯ އޯގަނިޒަމްސްތައް ފިލައިގެން ދާނެއެވެ.

އިސްތަށިގަނޑު ދޮންނަ އިރު މީރުވަސް ދުވާ ޝޭމްޕޫއެއް ބޭނުން ކުރައްވާށެވެ. ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮންނައިރު ވިސްނަންވީ މުހިންމު ނުކުތާ އަކީ އިސްތަށިގަނޑުގެ އިތުރުން ބޯވެސް ކުޑަގޮތަކަށް ޝޭމްޕޫއާއި އެކު މަސާޖުކޮށްލުމަށެވެ. މިގޮތައް ބޯ މަސާޖު ކުރާއިރު ނިޔަފަތި ބޭނުން ނުކޮށް އިގިލިތަކުގެ ކުރި ބޭނުން ކުރުމަށް ސަމާލުކަން ދޭން ވާނެއެވެ.

އެއްކޮށް އިސްތަށިގަނޑު ހިއްކާއިރު ހެއާރ ޑްރަޔަރ ބޭނުންވެސް ކުރެވިދާނެއެވެ. ނުވަތަ ހިކެންދެން ބޭއްވިވެސް ދާނެއެވެ.

ބޮލުގާ ލާން ބޭނުންކުރާ ކްރީމް ނުވަތަ ތެލުގެ ބާވަތްތަކަކީ ލުއި ވަހެއް ހުންނަ އެއްޗެއް ކަމުގައި ހައްދަވާށެވެ. ތެޔޮ ނުވަތަ ކްރީމެއް އުގުޅާއިރު އަތްތިލައަށް އެތިކޮޅެއް އެޅުުމަށް ފަހު ކުޑަ ސެންޓްކޮޅެއް އެއްކޮށްފައި އިސްތަށިގަނޑުގައި އުގުޅާ ލެވިދާނެއެވެ. މިހެން ހެދުމުން އިސްތަށިގަނޑުގައި މީރުވަހެއް ހުންނާނެއެވެ.

މީގެ އިތުރުން ފުނާއަޅަން ބޭނުން ކުރާ ބުރުސް ނުވަތަ ފުނާ، މަދުވެގެން ހަފްތާއަކު އެއްފަހަރު ދޮވެލުމަށް ހަނދާންބަހައްޓާލާށެވެ. އެގޮތުން ދޮވެލުމަށްފަހު ހޫނު ފެން ފޮދެއްގެ ތެރެއަށް 10 ވަރަކަށް މިނިޓް ލެއްވުމަށް ފަހު ބާއްވާށެވެ. މިގޮތުން ފުނާގައި ހަރުލާފަ ހުންނަ މައިކުރޯ އޯގަނިޒަމްސްތައް މަރުވާނެއެވެ. ފުނާ ނުވަތަ ބުރުހުގައި ހަރުލާފައި ހުންނަ އެއްޗެހީގެ ސަބަބުންވެސް އިސްތަށިގަނޑުގައި ނުބައި ވަސް ހުންނަ ގޮތް މެދުވެރިވާނެއެވެ.

މިއީ އާދައިގެ މަތިން ކުރެވޭ އާދައިގެ ކަންތައްކެކެވެ. ވަކި ބޮޑު ހަރަދެއް އަދި ވަކި ހާއްސަ ކަމެއް ނުދިން ނަމަވެސް މިކަންތައްތައް ކުރެވިދާނެއެވެ.