"އެންމެ ތަފާތު" ޕްރޮގްރާމްގައި ވާހަކަދައްކަމުން މަޝްހޫރު އެކްޓްރެސް މަރިޔަމް ޝިފާ ވަނީ ބޮލީވުޑުން އޭނާއަށް ފުރުސަތު ލިބުނު ކަމަށް ބުނެ ދެކެވުނު ވާހަކަތަކަށް ރައްދުދީފައެވެ. ބޮލީވުޑުން ފުރުސަތު ލިބުނު ކަމަށް ބުނުމަކީ ހަގީގަތެއްތޯ ނުވަތަ މީހުންގެ ސަމާލުކަން ހޯދުމަށް ކުރި ކަމެއްތޯ ޕްރޮގްރާމްގެ ހޯސްޓް ކުރި ސުވާލަށް ޖަވާބުދެމުން ޝިފާ ބުނީ، އެޓެންޝަން ހޯދަން ވާހަކަ ދައްކަން އޭނާއަށް ވަގުތު ނެތް ކަމަށެވެ.

ޝިފާއަށް ބޮލީވުޑްގެ އޮފަރއެއް ލިބުނު ކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ފޭސްބުކްގައި އެކަން ހާމަކޮށް ޕޯސްޓެއް ކުރުމަށްފަހު މާގިނައިރުތަކެއް ނުވެ އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ. ނަމަވެސް ފަހުން އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝިފާ ވަނީ އެ ވާހަކަތައް ކަށަވަރުކޮށްދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ބޮލީވުޑްގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް، ރާއްޖޭގައި ތިބި އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ދުރަށް ގޮސް މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތުމުން އެ ފުރުސަތު ދޫކޮށްލީއެވެ.

ޓިކްޓޮކް ލިޕްސިންކް އާއި ނެށުންތަކުން އާންމުންގެ މަގުބޫލުކަން ހޯދި ޝިފާ، ފިލްމީ ދާއިރާއަށް ނުކުތީ 2017 ވަނަ އަހަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރި ފިލްމު "ދެވަންސޫރަ" އިންނެވެ. ފިލްމު އިންޑަސްޓްރީގެ ބޮޑެތި ތަރިންނާއެކު ގިނަ ފިލްމުތަކަކާއި ވެބް ޝޯތަކެއްގައި ސަޕޯޓިން ރޯލުތައް ކުޅެފައިވާ ޝިފާގެ އަމާޒު މިހާރު ހުރީ ދިވެހި ފިލްމު އިންޑަސްޓްރީގެ މަސައްކަތްތަކަށެވެ. އެގޮތުން އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ވެސް ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ އާ ފިލްމު "އިލްޒާމު" އިންނެވެ.