1974 ވަނައަހަރުން ފެށިގެން ސައުދީ ސަރުކާރުން އަންނަނީ މެދުކެޑުމެއްނެތި ޖަމަލު ރޭސްތައް ބާއްވަމުންނެވެ. ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ އެގައުމުގެ އެކި ކަންކޮޅުތަކުގައި ޖަމަލުރޭސް ޖެހުމުގެ ޓޯނަމަންޓެއް ބޭއްވުމަށް ތައްޔާރީތައް ކުރަމުންނެވެ.
ސައުދީގެ " ދި ސައުދީ ކެމަލް ރޭސިންގ ފެޑަރޭޝަން" އިން ވަރަށް އަވަހަށް 2020 ވަނަ އަހަރާއި 2021 ވަނައަހަރުގެ ރޭސް ޝެޑިއުލް އާންމުކުރާނެކަމަށް ވަނީ ހާމަކޮށްފައެވެ. މިމުބާރާތްތަކުގައި ވާދައިގެ 3 ތަށި ދިނުމަށްވަނީ ހަމަޖެހިފައެވެ. އެއީ " ދި މިނިސްޓްރީ އޮފް ސްޕޯރޓްސް ކަޕް" " ދި ސައުދީ އެރޭބިއަން އޮލިމްޕިކް ކޮމިޓީ ކަޕް" އަދި " ދި ސައުދޫ ކެމަލް ރޭސިންގ ފެޑެރޭޝަން ކަޕް" އެވެ.
މިކުޅިވަރަކީ އިހުޒަމާނުން ސުރެއް އަރަބި ގައުމުތަކުގައި ކުޅެމުން އަންނަ ކުޅިވަރެކެވެ. ސިއްހަތު ރަނގަޅު ޖަމަލެއް 1 ގަޑިއިރުތެރޭގައި 40 ކިލޯމީޓަރަށްދުވެއެވެ. އަދި އެސޮރަށް ބޭނުންވަނީ އެވަގުތު ތެރޭގައި ވަރަށް ކުޑަ ފެންފޮދެކެވެ. މިކަމަށް ތައްޔާރުކުރާ ޖަމަލު ތަކަށް ކާން ދެނީ ކަދުރު، ކިރު، މާމުއި އަދި ހިކި ހުޔާއި ޒުވާރިއެވެ. ސައުދީ އިން މިކުޅިވަރު ބައިނަލް އަގުވާމީ ކުޅިވަރަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ބައެއް ގައުމުތަކުން މަދުން ނަމަވެސް މިކުޅިވަރަށް މިހާރުވެސް އަންނަނީ ތައްޔާރުވަމުންނެވެ.
