ފިލިޕީންސްގެ އަސްކަރިއްޔާގެ ސީ-130 މަރުކާގެ މަތިންދާބޯޓު އިއްޔެ ހެނދުނު އުދުއްސާލީ 96 ފަސިންޖަރުންނާއެކު އެ ޤައުމުގެ ޖޯލޯ ޕްރޮވިންސްގެ އެއާޕޯޓްގައި ޖެއްސުމަށެވެ.

އަމާން ދަތުރަކަށްފަހު ހުރިހާ ފަސިންޖަރުންވެސް އިންތިޒާރުކުރަމުން ދިޔައީ ޖޯލޯގެ ވައިގެ ބަނދަރަށް މަތިންދާބޯޓު ޖައްސާނެ ވަގުތަކަށެވެ. އޭރު ފްލައިޓްގައި ފިލިޕީންސްގެ އަސްކަރީ ތަމްރީން ފުރިހަމަކޮށް އެ ޤައުމުގެ އަސްކަރިއްޔާއާއި ގުޅުމަށް ތައްޔާރުވެފައިވާ ސިފައިންނާއި ޖޯލޯގައި ޓެރޮރިސްޓް ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނަށް ބޭނުންވާ އަސްކަރީ ހަތިޔާރާއި މެޝިނަރީތައް ވެސް ހުއްޓެވެ. އެހެން ނަމަވެސް ހަރކިއުލެސް  -5125 ފްލައިޓްއަށް ޖޯލޯގެ ރަންވޭގައި ރަނގަޅަށް ނުޖެއްސި ބާރު ދުވެލީގައި މަޖުބޫރުވީ އަނެއްކާވެސް މައްޗަށް އުދުއްސާލާށެވެ. އެއާއެކު، ފްލައިޓް މައްޗަށް އަރަން ބޭނުންވާ ވަރަށް އިންޖީންތައް މަސައްކަތް ނުކުރެވި ކައިރީގައި އޮތް ޕަޓިކުލް އަވަށާ ދިމާލަށް ވެއްޓެން ފެށިއެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި ފްލައިޓް ވެއްޓެންފެށުމާއެކު ފްލައިޓްގައި ތިބި ސިފައިން ބޯޓު ދޫކޮށް ފުންމާލަން މަސައްކަތްކުރިއެވެ. މި ހާދިސާގައި މިހާތަނަށް 45 މީހަކު މަރުވެފައިވާއިރު އިތުރު 53 މީހަކު ވަނީ ޒަޚަމްވެފައެވެ. އަދި ވީނުވީއެއް ނޭނގި 5 ސިފައިން ގެއްލިފައިވާ ކަމަށްވެސް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. މި ހާދިސާއާއެކު ގިނަ ބަޔަކު ދަނީ ފިލިޕީންސްގެ އަސްކަރިއްޔާގެ ވައިގެ ފައުޖަށް ފާޑު ކިއުންތައް އަމާޒު ކުރަމުންނެވެ. ހުސްވި ޖޫންމަހު އެޤައުމުގެ އަސްކަރިއްޔާގެ ތަމްރީނެއްގެ ތެރޭ ހެލިކޮޕްޓަރެއް ކޮންޓްރޯލް ނުކުރެވި ވަނީ ވެއްޓިފައެވެ. މި ހާދިސާގައި 6 މީހަކު ވަނީ މަރުވެފައެވެ.