ފާއިތުވި އަހަރެއްހާ ދުވަހު ހިޓް ފިލްމުތަކުން ފުރުސަތު ނުލިބުމަކީ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ތައްޔާރުވެ، "ރީތިވެލަން" ނަސީބަކުން ލިބުނު ވަގުތުކޮޅެއް ކަމަށް، "އެންމެ ތަފާތު" ޕްރޮގްރާމްގައި ވާހަކަދައްކަމުން މަޝްހޫރު އެކްޓްރެސް މަރިޔަމް ޝިފާ ބުނެފިއެވެ.

މީގެ އިތުރުން ބޮލީވުޑްގެ އޮފަރއެއް ލިބުނުކަމަށް ބުނެ ދެއްކި ވާހަކައަކީ އެޓެންޝަން ހޯދަން ކުރި ކަމެއްތޯ ޕްރޮގްރާމްގެ ހޯސްޓް އެހުމުން ޝިފާ ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެޓެންޝަން ހޯދަން ވާހަކަދައްކަން އޭނާއަށް ވަގުތު ނެތް ކަމަށް ވެސް ޝިފާ ވަނީ ބުނެފައެވެ.

ޝިފާއަށް ބޮލީވުޑްގެ އޮފަރއެއް ލިބުނު ކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ފޭސްބުކްގައި އެކަން ހާމަކޮށް ޕޯސްޓެއް ކުރުމަށްފަހު މާގިނައިރުތަކެއް ނުވެ އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ. ނަމަވެސް ފަހުން އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝިފާ ވަނީ އެ ވާހަކަތައް ކަށަވަރުކޮށްދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ބޮލީވުޑްގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް، ރާއްޖޭގައި ތިބި އޭނާގެ ސަޕޯޓަރުންނާ ދުރަށް ގޮސް މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތުމުން އެ ފުރުސަތު ދޫކޮށްލީއެވެ.

ޓިކްޓޮކް ލިޕްސިންކް އާއި ނެށުންތަކުން އާންމުންގެ މަގުބޫލުކަން ހޯދި ޝިފާ، ފިލްމީ ދާއިރާއަށް ނުކުތީ 2017 ވަނަ އަހަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރި ފިލްމު "ދެވަންސޫރަ" އިންނެވެ. ފިލްމު އިންޑަސްޓްރީގެ ބޮޑެތި ތަރިންނާއެކު ގިނަ ފިލްމުތަކަކާއި ވެބް ޝޯތަކެއްގައި ސަޕޯޓިން ރޯލުތައް ކުޅެފައިވާ ޝިފާގެ އަމާޒު މިހާރު ހުރީ ދިވެހި ފިލްމު އިންޑަސްޓްރީގެ މަސައްކަތްތަކަށެވެ. އެގޮތުން އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ވެސް ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ އާ ފިލްމު "އިލްޒާމު" އިންނެވެ.